ޚަބަރު

ސުކޫލު ކުއްޖަކު ރޭޕު ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އިދާރާތަކުން ކަންކުރާ ގޮތް މޮނިޓާ ކުރަނީ

މުއާވިޔަތު އަންވަރު

މެދު ރާއްޖެތެރޭ ރަށެއްގައި އުމުރުން 14 އަހަރުގެ ސުކޫލު ކުއްޖަކު ރޭޕު ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ ގޮތް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެކަމާ ގުޅިގެން އެޗްއާރުސީއެމުން ކުރި ޓުވީޓެއްގައި ބުނީ، ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރުމުގެ ހާދިސާއަކާ ގުޅިގެން، އެކަމާ ގުޅުން ހުރި މައުލޫމާތު ހޯދާ މޮނިޓާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރަދަނާކޮށް ދައުލަތުގެ މުއައްސަސާތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރަމުން ގެންދިއުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމުން އިތުރަށް ބުނީ، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެފަދަ ބަދަލުތައް ވީ އެންމެ އަވަހަށް ގެނައުމަށްޓަކާ އެޗްއާރުސީއެމުން ދައުލަތުގެ މުއައްސަސާތަކަށް ލަފާދީ އެކަންކަން ތަންފީޒު ވަމުން އަންނަ މިންވަރު ދެނެގަތުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

ކުޑަކުއްޖާ ރޭޕުކުރި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް އެ ހާދިސާ ހިނގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރު ކޮށްފައިނުވާއިރު، އެ ހާދިސާ ހިނގި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އިހުތިޖާޖުގެ ތެރެއިން ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގި 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.