ރަމަޟާން މަހުން ފާއިތުވެފައިވާ ރޯދަތައް މި މަހު ގަޟާ ކުރަން އަވަސްވެ ގަތުމަށް ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ޝައުބާން މަހުގެ ފުރަތަމަ ފަނަރަ ފާއިތުވެއްޖެ ނަމަ ސުންނަތް ރޯދަ ހިފުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ވާތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ގަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ގަޟާކުރާށެވެ. ހީވާގިކަމާއެކު ރަމަޟާން މަހަށް އިސްތިގުބާލުކުރަން ތައްޔާރުވާށެވެ. ރަމަޟާން މަހުގެ އަޅުކަމަށް ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާލާށެވެ. ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތް ކަމެއް ނޫންކަން ދަންނާށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ފިތުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، އެ މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ނަސޭހަތްތެރިވާ ކަމަށާއި މަޑުމައިތިރި މީހަކަށްވެ، ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ފުރިހަމަ ގޮތުގައި ރޯދަ ހިފުމަށް ތައްޔާރުވުމުގައި ތިމާގެ ގުނަވަންތަކުން އަދާކުރަންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް ކުށްތަކާ ދުރުހެލިވާން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

ޝައުބާން މަހާ ގުޅޭގޮތުން ހުތުބާގައި ބުނީ ޝައުބާން މަހުގެ ފަނަރަ ވިލޭރެއަށް ހާއްސަވެގެންވާ ނަމާދެއް، އަދި އެ ދުވަހު ހިފަން އަންގަވާފައިވާ ރޯދައެއް ވެސް ނެތް ކަމަށާއި އެ ދުވަހަށާއި އެ ރެއަށް ހާއްސަވެގެންވާ ވަކި ދުއާއެއް ވެސް ނެތް ކަމަށެވެ.