އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މެންދުރު 12:00ގެ ކުރިން ވޯޓުލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމް/ޕީއެންސީ އޮފީސް އިމާރާތުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މެންދުރު 12:00ގެ ފަހުގެ ވަގުތަކީ ނުރައްކާތެރި ވަގުތެއް ކަމަށެވެ. އަދި އެ ދުވަހަކީ މި ގައުމުގެ މުސްތަގުބަލަށްޓަކައި ވަރަށް ބޮޑު ނިންމުމެއް ނިންމާނެ ދުވަހެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކައުންސިލް ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދުވަހު އިދިކޮޅު ކޯލިޝަނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ޝުޖާއު ވަނީ ވަރަށް އާދޭހާއެކު މެސެޖަކާއި އިރުޝާދެއް ދެއްވައިފަ އެވެ.
"މެންދުރު 12 އަކީ ވަރަށް މުހިންމު ވަގުތެއް. މެންދުރު 12 ގެ ފަހުން ވޯޓުލާން ދާން ނުތިއްބަވާ. އާދޭސްކޮށްފައި މި ދަންނަވަނީ މެންދުރު 12 ގެ ކުރިން ވީހާލެއްގައި ގޮސް އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން އެބަ ޖެހޭ ވޯޓު ފޮއްޓަށް ވޯޓުލާން. 12 ގެ ފަހަކީ ނުރައްކާތެރި ވަގުތެއް،" ހުޅުމާލޭ ދާއިރާއަށް އިދިކޮޅުން ވާދަކުރައްވާ ޝުޖާއު ވިދާޅުވި އެވެ.
އެހެންނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ޝުޖާއު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ އިތުބާރު ކުރާ ތަނެއް ނޫން ކަމަށެވެ. އަދި އެ ކޮމިޝަނުގެ ކޮންޓްރޯލް ދިވެހިންގެ އަތުގައި ނެތް ކަމަށް ޝުޖާއު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެހެންކަމުން އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދިވެހިރާއްޖޭގެ ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓު އެޅެމުންދާ މިންވަރު އަޅުގަނޑުމެން ބަލަން އެބަ ޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.
އަންނަ މަހުގެ ދިހައެއްވާ ހޮނިހިރު ދުވަހަކީ ބޮޑު ދުވަހެއްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، އެ ދުވަހު މި ސަރުކާރު ލަދު ގަންނަވާލާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި ވޯޓަކީ ރައީސް ޔާމީން މިނިވަންކުރުމަށް ދެވޭ ވޯޓެއް ކަމަށެވެ. އެކަން ވާން އޮތީ ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓުދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޭރުގެ ފަރާތްތަކަށް ވެސް ރާއްޖޭގައި އޮތީ ރައީސް ޔާމީންގެ ސަޕޯޓުކަން، ރައީސް ޔާމީނަށް ތާއީދު ކުރާ ބައެއްކަން އަންގައިދިނުމަށްޓަކައި ތި ހުރިހާ ބޭފުޅުންގެ ވޯޓުތައް މިފަހަރު އެބަ ޖެހޭ ރުކަށް ޖައްސަވައި ދެއްވަން." އާދަމް ޝަރީފް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު