ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ތަހުގީގުކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެ ރިޕޯޓު އަނބުރާ ފޮނުވާލައިފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއުކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ. އަދި ވެންޓިލޭޓަރު މައްސަލައިގައި ޕީޖީން ފާހަގަކުރި ނުކުތާތައް އަލުން ރިވިއުކުރުމަށްފަހު އޭސީސީން ދެކޭ ގޮތް ލިޔުމުން ޕީޖީއަށް ވަނީ ހުށަހަޅައިފައެވެ.

ޕީޖީގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިރޭ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އާ މައުލޫމާތާއި މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ގަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

އެހެންކަމުން މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތް ކަމަށް ފެންނާތީ، އެ ނިންމުމަށް ބަދަލު ނުގެންނަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

  • ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
  • ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
  • ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު
  • ޑިރެކްޓަރު، ނައުޝާދު އަލީ
  • ޑިރެކްޓަރު، (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
  • ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، އަބްދުﷲ ޝަރީފް
  • އެސިސްޓެންޓް ޑިރެކްޓާ ފާތިމަތު ލިމްޔާ
  • އެސިސްޓެންޓް ޑައިރެކްޓާ އަބްދުﷲ ހަފީޒް
  • ލީގަލް އޮފިސަރު އަލީ ޝިހާމް
  • އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
  • ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ

ވެންްޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން ކުރިއަށްގެންދިޔަ ތަހުގީގުގައި ރައްޔިތުންގެ މަޖިލީހަށް މައުލޫމާތުދެއްވަމުން އަމީން ދޮގު ހައްދަވާފައިވާ ކަމަށް މަޖިލީހުން ފާސްކޮށް، އޭނާގެ މައްޗަށް ދައުވާކުރަން ވެސް ވަނީ ނިންމައިފައެވެ.