ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އޭރުގެ ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދަތުރު ކުރައްވަނިކޮށް ލޯންޗުގެ ތެރެއިން އެއްޗެއް ގޮވައި، ލޯންޗުން ދަތުރު ކުރި މީހުންނަށް އަނިޔާވެ، ލޯންޗަށް ގެއްލުންވި ހާދިސާއާ ގުޅިގެން، ސ. ފޭދޫ ބުލްބުލާގޭ/ އަހުމަދު ތިހާމް މޫސާ ޒަމީރު ލޯންޗަށް އަރައި ކަމާ ގުޅުން ހުރި ވަސީލަތްތައް ބޭނުން ކުރުމަކާ ނުލައި، އަދި އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

މި މައްސަލައިގައި ދަށު ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 2016 ވަނަ އަހަރު ހުކުމް ކޮށްފައިވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. އެ ހުކުމާ ގުޅިގެން ތިހާމު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައިކޯޓުން މައްސަލަ ބަލައި ކުރި ހުކުމްގައި ބުނީ، ކްރިމިނަލް ކޯޓުގެ ހުކުމްގައި ތިހާމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އޮތް ބަޔަށް ތާއީދުކުރާ ކަމަށެވެ.

މި މައްސަަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބަލައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ހައިކޯޓުން ތިހާމުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކަމަށް އެ ކޯޓުގައި މި މައްސލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.

މި މައްސަލައިގައި ތިހާމްގެ އިތުރުން ދަފްތަރުު 617، މޫސާ ޒަމީރު ހަތަރު މަހާއި 24 ދުވަހަށް އަދި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަހުމަދު ފަޔާޒް (ޕާޕާ) ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. ޒަމީރާއި ޕާޕާގެ ޖަލު ހުކުމް ހައިކޯޓުން 2019 ގައި ބާތިލު ކުރިޔަސް، ތިހާމްގެ ޖަލު ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ. އޭރު އެ ތިން މީހުން ވެސް ތިބީ ހުކުމް ތަންފީޒުކޮށް، މިނިވަންވެފަ އެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ، ތިހާމް ލޯންޗަށް އެރީ އީއޯޑީ ޓީމުގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށްވާއިރު، އެފަދަ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތަކެއް ނުވަތަ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް އެމްއެންޑީއެފުގައި އޭރަކު ނެތް ކަމަށެވެ. އައި އީއޯޑީ ޓީމުން އާންމުކޮށް ތަންތަން ފާސްކުރާއިރު އަންގި ނުލައްވައި އެކަންކުރާ ކަމަށް ހެކިން ބުނެފައިވާއިރު، މިފަދަ ހާލަތްތަކުގައި ތަހުގީގީ އިދާރާތަކުގެ ދައުރާއި ސިފައިންގެ ދައުރު ބަޔާންކުރާ އުސޫލުތަކެއް އެމްއެންޑީއެފުގައި އޭރު ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ، މިކަމުގައި އިހުމާލުވީ މަދު ބަޔަކު ކަމަށް ބުނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ބުނީ، މި މައްސަލައިގައި އަންޕްރޮފެޝަނަލްކޮށް އަމަލު ކޮށްފައިވަނީ އެންމެ މީހެއް ނުވަތަ ދެ މީހެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ހެކިން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ބެލުމުން އެކަމަކީ، މުޅި މުއައްސަސާއާ ހަމައިން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހަމަ މަގުން ކައްސާލައިގެން ހިިނގާފައިވާ ކަމެއް ކަމަށެވެ. އަދި ސިފައިންގެ ވެރިންނަށް އަމުރު ކުރެވޭނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް ވުމުން އަމުރުތައް ތަންފީޒު ކުރާ ސިފައިން އަމުރަށް ތަބާވާން ޖެހޭނީ ވެސް ގާނޫނީ އިމުގެ ތެރެއިން ކުރާ އަމުރުތަކަށް ކަމަށާއި ޗެއިން އޮފް ކޮމާންޑުގެ ދިފާއުއަކީ ޣައިރު ގާނޫނީ އަމުރެއް ތަންފީޒު ކުރާ ސިފައިން އެކަމުން ބަރީއަވާނެ ސަބަބެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ތިހާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓާއި ދަށު ކޯޓުގައި ދައުލަތުން ވަކާލާތު ކުރުމަށްފަހު، އެ މައްސަލައިގައި، ތިހާމްގެ މައްޗަށް ކުށް ސާބިތު ނުވާނެ ކަމަށާއި ސަބަބެއްގެ ގޮތުގައި ތިހާމާއެކު ޖަލަށްލި މޫސާ ޒަމީރު ކުށްވެރިނުވާ ކަމަށް ހައިިކޯޓުން ނިންމާފައި އޮތުމާއި އެ ދެ މީހުންނަށް އަމުރުކުރި ޕާޕާގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށް ޕީޖީގެ ފަރާތުން ބުނެފައިވާތީ، ސުޕްރީމް ކޯޓުން ބުނެފައިވަނީ ތިހާމްގެ މައްސަލައިގައި ދައުލަތުން ވިސްނުން ބަދަލުވި ގޮތް ހަމަނުޖެހޭ ކަމަށެވެ.

އެގޮތުން ޕާޕާއަށް ތުހުމަތު ކުރި އަމަލާއި ތިހާމަށް ތުހުމަތު ކުރި އަމަލަކީ ތަފާތު ދެ ކަމެއް ކަމަށްވާއިރު، ޕާޕާގެ މައްސަލައިގައި ހައިކޯޓުގެ ހުކުމް އައި ގޮތާއި މި މައްސަލައާ ގުޅޭ ގޮތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެކި މަރުހަލާތަކުގައި ދައުލަތުގެ ވިސްނުން ބަދަލުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ނަހަމަ ގޮތުގައި ބާރުތައް ބޭނުން ކުރުމަކީ ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޒަމީރާއި ޕާޕާގެ މައްސަލައިގައި ހައިކޯޓުން ވަކި ގޮތަކަށް ނިންމުމަކީ ސުޕްރީމް ކޯޓުން އެ ނިންމުމާ އެއްގޮތަށް ތިހާމްގެ މައްސަލަ ނިންމަން ލާޒިމްވާނެ ސަބަބެއް ނޫނެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.