ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުގެ ދަށުން ހުއްޓާލާފައި އޮތް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ފަށަން ތައްޔާރު ވެއްޖެއެވެ.
އެކަން އިއުލާން ކުރައްވައި ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ސޯޝަލް މީޑިއާގައި ވަނީ މިނިސްޓަރު އަހުމަދު މަހުލޫފާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ އިން ކޮވިޑް-19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަ ވެސް ހުއްޓުމަކަށް ދިޔައެވެ. ދިވެހި ޕްރިމިއާ ލީގާއި ތިންވަނަ އަދި ދެވަނަ ޑިވިޝަން ވެސް މުއްދަތެއް ނެތް ގޮތަށް ފަސްވި އެވެ. އެކަމާ ގުޅިގެން ޓީމުތަކުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވާއިރު، އޭގެފަހުން ލުއިތައް ދީ، އެހެން ބައެއް ކުޅިވަރުތަކަށް ހުއްދަ ދިން ނަމަވެސް ފުޓުބޯޅައަށް ހުއްދަ ދީފައެއް ނުވެ އެވެ.
ފަހުން ޓިމުތަކުގެ ކުޅުންތެރިން ވެކްސިން ޖެހުމުން، ފަރިތަކުރުން ތަކަށް ހުއްދަ ދިނެވެ. ނަމަވެސް އެކަމަށް ހުއްދަ ދިންތާ މަހެއް ވެގެން ދިޔައިރު ވެސް ލީގަށް ހުއްދަ ދީފައިނުވުމުން ކްލަބުތަކުން ނުރުހުން ފާޅުކުރި އެވެ.
ހާއްސަކޮށް އަންނަ މަހު ރާއްޖޭގެ ދެ ކުލަބަކުން އޭއެފްސީ ކަޕު ކުޅެން އޮތުމާއެކު ޓީމުތަކުން އެކަމަށް ތައްޔާރުވާން ވަގުތު ނެތުމުން ކުލަބުތަކާއި އެފްއޭއެމުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރި އެވެ.
އެޗްޕީއޭގެ އެންގުމަށް ފުޓުބޯޅަ ސީޒަން މެދުކަނޑާލައިގެން ތިބެން ޖެހުމުގެ ސަބަބުން ކުލަބުތަކާއި ކުޅުންތެރިންނަށް ދިމާވާ ދަތިތަކުގެ ވާހަކަ ފާހަގަކުރައްވައި ބައްސާމް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ސީޒަން ހުއްޓާލަން ޖެހުމާއި ގުޅިގެން ކުޅުންތެރިންނާއި ކްލަބުތަކަށް ދިމާވާ ދަތިތަކުގެ މަޝްވަރާތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިތުރުން ޔޫތު މިނިސްޓްރީއާއެކު ކުރި ކަމަށެވެ. ނަމަވެސް ހައްލެއް ހޯދިފައިނުވާ ކަމަށް ވިދާޅުވި އެވެ.
ބައްސާމް އިތުރަށް ވިދާޅުވީ ކޮވިޑުގެ މި ހާލަތުގައި ވެސް އާންމު ދިރިއުޅުމުގައި އަދާކުރާ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު އެތައް ދާއިރާއަކުން އެބަ އޮތް ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ޕްރޮފެޝަނަލް އިންޑަސްޓްރީ، ފުޓުބޯޅައިގެ ތެރޭގައި އުޅޭ ފަރާތްތަކަށް ވަޒީފާ އަދާކުރުމަށް ހުރަސް އެޅިފައި އޮތުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު