އިންޑިއާއިން ކޮވިޑުގެ އާ ވޭރިއަންޓެއް ފެނިއްޖެއެވެ.
ކޮވިޑުގެ ގިނަ ކޭސްތަކެއް ފެންނަމުންދާ އިންޑިއާއިން ވަނީ އެގައުމުގެ މަހާރަސްތަރާ ސްޓޭޓުން ނެގި 200 އަށްވުރެ ގިނަ ސާމްޕަލުން ކޮވިޑުގެ އާ ވޭރިއަންޓެއް ފެނިފައެވެ.
ސިއްހީ އޮފިޝަލުން ވިދާޅުވީ އިންޑިއާއިން ފެނުނު އާ ވޭރިއަންޓް އުފެދިފައިވަނީ ދެ މިއުޓަންޓް އެއްވެގެންނެވެ. މީގެ ކުރިން ދުނިޔޭގެ އެހެން ގައުމުތަކުން ފެނިފައިވާ ވޭރިއަންޓްތަކާ ހިލާފަށް އިންޑިއާއިން ފެނުނު ވޭރިއަންޓް ތަފާތު ކަމަށް އޮފިޝަލުން ވިދާޅުވެއެެވެ.
އިންޑިއާގެ އެޕެޑެމިއޮލޮޖިސްޓުން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާއިން ފެނިފައިވާ އާ ވޭރިއަންޓުން މިހާތަނަށް ފެނިފައިވާ ދެ ވޭރިއަންޓްގެ އަސަރުވެސް ފެނެއެވެ.
މިހާތަނަށް ހަދާފައިވާ ދިރާސާތަކުން އިންޑިއާއިން ފެނުނު އާ ވޭރިއަންޓް މަސައްކަތް ކުރާ ނިސްބަތް އަދި ހޯދިފައެއް ނުވެއެވެ. ދުނިޔޭގެ ގައުމުތަކުން މީގެ ކުރިން ފެނިފައިވާ ވޭރިއަންޓްތަކުގެ ބާރު ގަދަވެ ވައިރަސް ފެތުރޭ ނިސްބަތް ހަލުވި ކަމަށް ދިރާސާތަކުން ދައްކައެވެ.
އިންޑިއާގައި އަނެއްކާވެސް ކޮވިޑުގެ ގިނަ ކޭސްތަކެއް ފެންނަން ފަށާފައިވާ އިރު، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެގައުމުން 47،262 ކޭސް ފެނިފައިވެއެވެ. މިހާތަނަށް އެގައުމުން ޖުމްލަ 11.7 މިލިއަން ކޭސް ފެނިފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.