ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ސިނޮފާމް ވެކްސިންގެ ދެ ލައްކަ ޑޯޒުގެ ތެރެއިން ފުރަތަމަ ބެޗު މިއަދު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ވެކްސިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓްރީ އަހުމަދު ނަސީމްއާ ހަވާލު ކޮށްދެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް، ޗައިނާ ރައްޔިތުންގެ ފަރާތުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޗައިނާގައި އުފައްދާ ވެކްސިނަކީ އެންމެންނަށް ލިބޭނެ ވެކްސިނެއްކަން ކަށަވަރު ކޮށްދެއްވާ ކަމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް އާއި ޗައިނާ ސަރުކާރަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިން އިން މާލެ އަށް މި ވެކްސިންގެ ފުރަތަމަ ބެޗު ގެނެސްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކޮށްގެން ރޭގަ އެވެ. އަދި ދެވަނަ ބެޗު ގެނައުމަށް ވެސް މޯލްޑިވއަންގެ ފްލައިޓެއް ޗާޓަރު ކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދެވަނަ ބެޗު ރާއްޖެ ގެންނަން ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ސިނޮފާމް ވެކްސިން ބޭނުންކުރުމުގެ އިމަޖަންސީ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެއާއެކު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ދެމުން އަންނަނީ ސިނޮފާމް ވެކްސިނެވެ.