ޚަބަރު

ބާރަށު ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ކުރިއަށް ނުގެންދަން ޖޭއެސްސީން ނިންމައިފި

އިބްރާހިމް ޒަކީ

ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބުދުލްޣަނީ އަލީގެ މައްސަލައަކީ އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީއާ ހިލާފަށް ދިފާއީ ވަކީލެއްގެ ހައްގު ނުދީ، ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބުދުލްޣަނީ މައްސަލައެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް މިދިޔަ އަހަރުގެ ޖޫން 21 ވަނަ ދުވަހު ކޮމިޝަނުން ނިންމި ކަމަށެވެ.

އެކަމާ ގުޅިގެން އެކުލަވާލި ތަހުގީގު ކޮމިޓީން މައްސަލައާ ގުޅޭ ގޮތުން ކުރި ތަހުގީގުގައި ސާފު ކުރެވުނު މައުލޫމާތަކަށް ރިއާޔަތްކުރާއިރު، އިސް މެޖިސްޓްރޭޓް ޣަނީގެ ސުލޫކާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދަންޖެހޭ ފަދަ އެކަށީގެންވާ ތުހުމަތެއް އޮތް ކަމަށް ތަހުގީގު ކޮމިޓީއަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ބުންޏެވެ.

އެހެންކަމުން އެ މައްސަލައަކީ އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ކޮމިޝަނުން ނިންމީ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.