ކޮވިޑުގެ ބަލި މަޑުކަމާ ގުޅިގެން މޯލްޑިވް ގޭސްއާ ހަވާލު ކޮށްގެން ރާއްޖެ ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާބެހޭ މުއައްސާއަށް އެންގުމަށް ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ފާސްކޮށްފިއެވެ.

ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ އެ މައްސަލަ ބަލައި ކޮމިޓީން އެކުލަވައިލި ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ކަމާބެހޭ މުއައްސަސާތަކަށް ގިނަ ކަންތައްތަކެއް އެންގުންމަށް ވަނީ ހިމަނައިފައެވެ.

އެ ރިޕޯޓުގައި، ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވަނީ އެ ކުންފުނީގެ ތެރެއިން ކަމަށް ތުހުމަތު ކުރެވޭތީ، އެ ކުންފުނީގެ އޭރުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކުރާމް އާއި ކުންފުނީގެ މުވައްޒަފުން ހިމެނޭ ގޮތަށް މި މައްސަލަ ބެލުމަށް އޭސީސީއަށް އެންގުމަށް ވެސް ވަނީ ހިމަނައިފައެވެ.

ކޮމިޓީން ބުނެފައިވަނީ، މޯލްޑިވް ގޭސް އިން އޯޑަރު ދީފައިވަނީ އާ ސިލިންޑަރު ގަންނަން ނަމަވެސް، އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްޓް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ފޮނުވާފައިވަނީ ރީފާބިޝް ސިލިންޑަރުތަކެއް ކަމަށެވެ.

އެތަކެތި ގެނައުމުގައި މޯލްޑިވް ގޭސް އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި އެތަކެތި ހައިޑްރޮސްޓޭޓިކްޓެސްޓް ހަދައިގެން ނޫނީ ބޭނުން ނުކުރެވޭ ކަމާއި އެ ޓެސްޓުތައް ހެދުމަށް އެތައް ހޭދައެއް ކުރަން ޖެހުމުން ވެސް ކުންފުންޏަށް ބޮޑެތި ގެއްލުންތައްވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ގެއްލުމުގެ ބަދަލު އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްޓް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެ ދެ ކުންފުންޏާ ވާހަކަ ދެއްކުމަށާއި އަދި އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ވެސް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

އިންޓާނަލް އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ މައިގަނޑު މައްސަލަތަކަކީ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީ އިސްލާހު ކޮށްގެން ހައްލު ކުރެވޭނެ މައްސަލަތަކަކަށްވާތީ އެކަންތައް އިއުލާހު ކުރުމަށްފަހު 30 އޭޕްރީލްގެ ކުރިން އެ ކޮމިޓީއަށް ފޮނުވުމަށް އެންގުމަށާއި އަދި އެ ޕޮލިސީގެ ތެރެއިން ކުންފުނީގެ ވެންޑާ ރެޖިސްޓްރޭޝަން ޕްރޮސެސް އާއި ޕާޗޭސް އޯޑަރު ކުުމުގެ ނިޒާމު ހަރުދަނާކޮށް، ޕްރޮކިއުމެންޓް ޕޮލިސީގެ ތެރެއިން 100 ޕަސެންޓް އެޑްވާންސް ކޮށް ފައިސާ ދެއްކުމަށް އޮންނަ އުސޫލު ބަދަލުކުރަން އެންގުމަށް ވެސް ވަނީ ހިމަނައިފައެވެ.