ޚަބަރު

ގޭންގު ރޭޕަކަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރު ނުކޮށްގެން ރައްޔިތުން "ކެކެނީ"!

މުއާވިޔަތު އަންވަރު

ސާދަ އަހަރުގެ ކުއްޖެއް ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ނުކޮށްގެން މެދު ރާއްޖެތެރޭގެ ރަަށެއްގެ ރައްޔިތުން އިހުތިޖާޖު ކުރަމުން އެބަދެ އެވެ.

ފުލުހުން ބުނީ، އެ އިދާރާގެ ދެކުނު ގޮފިން ނ، ރ، ބ، ޅ، ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ރަށުން "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގި ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާތީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން މިއަދު އިހުތިޖާޖަށް ނުކުތީ ކަމަށެވެ.

"އެ ކުއްޖާ އެބަ ބުނޭ މޫނު ނިވާކޮށްގެން ހުރި ދޭއް ނުވަތަ ތިން މީހަކު ހުރި ކަމަށް. އޭގެ ތެރޭގައި ފުލުހުންގެ ޔުނީފޯމް އެޅި މީހަކާއި ޓީޗަރެއް ވެސް ހިމެނޭ ކަމަށް. އެކަމަކު ވެސް ހެއްކެއް ނެތޯ މީހަކު ހައްޔަރު ކުރެވޭ ވަރަކަށް. މި އަޅެ އަރެތެއް ނޫންތޯ،" އެ ރަށުގައި ހުންނަ ފުލުހުންގެ އިދާރާ ކައިރީގައި އިހުތިޖާޖު ކުރަމުން ދިޔަ މީހަކު ކިޔައިދިނެވެ.

ގޭންގު ރޭޕެއް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ ރޭޕް ކުރިކަން އަދި ތިން މީހަކު ހިމެނޭ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއްވެސް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.

އެ ރަށުގެ ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނާ ކުރިމަތިލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެ މައްސަލައާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ، މެދު ރާއްޖެތެރޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.

އެ މައްސަލައިގައި މިނިސްޓްރީން އަންނަނީ ފުލުހުންނާއެކު މަސައްކަތްކުރަމުން ކަމަށް ޖެންޑާ އިން ވަނީ ބުނެފަ އެވެ.