ފުޓުބޯޅަ ހުއްޓާލުމާއެކު އެތައް ކްލަބަކުން ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ. ކްލަބުތަކާއި ކުޅުންތެރިންނަށް މާލީ ގޮތުން ވާ ގެއްލުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަމައަށްވެސް ގެންގޮސްފައިވާއިރު، ކްލަބުތަކަށް ފަރިތަކުރުންތަކަށް ހުއްދަ ދިންތާ މަހެއްހައި ދުވަސް ވެއްޖެއެވެ. އެހެން ނަމަވެސް ލީގު އޮތީ ނުފެށިއެވެ. ރާއްޖެއިން އޭއެފްސީ ކަޕްގައި ވާދަކުރާ ކްލަބުތަކަށް ވަގުތު ކުޑަވެއްޖެއެވެ. ކުޅުންތެރިންނާއި ކޯޗުން، އަދި އޮފިޝަލުންވެސް އަދާކުރާ ވަޒީފާއަކީ ފުޓުބޯޅަ ކަމަށްވާއިރު، ކޮންމެހެންވެސް ފުޓުބޯޅަ އަލުން ފަށަން ޖެހިއްޖެއެވެ.

ލީގު މެދުކަނޑާލުމަށްފަހު އެޗްޕީއޭގެ ހުއްދާއެކު ޓީމުތަކުން ފަރިތަކުރުންތައް ފެށީ، އެކަމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްގެންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ހުރިހާ ކުޅުންތެރިން ޖަހައިފިއެވެ. ވެކްސިން ޖަހަން ބައެއް ކްލަބުތަކުގެ ބިދޭސީ ކުޅުންތެރިން އިންކާރު ކުރުމުން، ފުލް މުސާރަ ދީ އެ ކުޅުންތެރިން ކޮންޓްރެކްޓް އުވާލައި، ޓީމުން ބޭރުކޮށްލަންވެސް ޖެހިއްޖެއެވެ. އެ ހުރިހާ ގުރުބާނީއެއް ވެ، ޓީމުތަކުން ލީގު އަލުން ފަށަން އުންމީދު ކުރި ނަމަވެސް، ފަރިތަކޮށްކޮށް، އެތައް ދުވަހެއް ވީ ފަހުންވެސް ލީގު ފަށަން އެޗްޕީއޭއިން ހުއްދައެއް ނުދިނެވެ.

އޭއެފްސީގެ މެޗުތައް އަންނަ މަހަށް ތާވަލު ކޮށްފައިވާ އޮތްއިރު، ކްލަބު އީގަލްސްއިން ޕްލިމިނަރީ ބުރަށް ނުކުންނަން ޖެހެއެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ގްރޫޕް ސްޓޭޖުގައި ކުރިމަތިލާން ޖެހެއެވެ. ރާއްޖެއިން މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ބާއްވަން ބިޑް ކާމިޔާބު ކޮށްފައި އޮތްއިރު، އެޗްޕީއޭއިން އެއްޗެއް ނާންގައި އޮތުމުން އެ މެޗުތަކަށް ވާނެ ގޮތެއް އަދިވެސް އޮތީ ނޭނގިއެވެ. މެޗުތަކަށް ގޮތް ނިންމުމުގެ ބާރު އޮތީ އެޗްޕީއޭގެ އަތް މަތީގައެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި، ހެލްތު މިނިސްޓަރު ކެރަފާ ނަސީމް ލީގު ފައްޓަވަން ބޭނުންވެވަޑައިގެންނެވި ނަމަވެސް އެކަން ނުކުރެވި އޮތް އޮތުމަކީ ކްލަބުތަކުގެ އެންމެ ބޮޑު ޝަކުވާވެސް މެއެވެ.

"ދިވެހި ރާއްޖޭގެ ޔޫތު މިނިސްޓަރު ފުޓްބޯޅަ ހުއްޓުވާކަށް ބޭނުމެއް ނޫން. ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރު ފުޓްބޯޅަ ހުއްޓުވާކަށް ބޭނުމެއް ނޫން. ދެން ކޮން ބެކްޔާޑެއްގައި ތިބި ބަޔަކު ތޯ މި ހުއްޓުވަން މި އުޅެނީީ. ކޮބައިތޯ މީގެން އެ ބޭފުޅުންނަށް ލިބޭ ފައިދާ އަކީ. މި ދެއްކީ ކުޅިވަރާ ގުޅޭ އިސް ދެ މުއައްސަސާގެ މިނިސްޓަރުންގެ ވާހަކަ. ދެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހަކުން މިކަން ހުއްޓުވާކަށް ނެތް. ދެން ކީއްވެގެންތޯ ކުޅިވަރުތައް ނުފެށިގެން މި އުޅެނީ. އަޅުގަނޑަށް ހީވަނީ ބެކްޔާޑުގައި ކޮންމެވެސް އެހެން ކަންތައްތަކެއް ހިނގަނީ ކަންނޭނގެ،" މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބު (ވައްކޭ)، އިއްޔެ ކްލަބުތަކުން އެފްއޭއެމް ހައުސްގައި ބޭއްވި ޕްރެސްގައި ވިދާޅުވިއެވެ.

ވައްކޭ އިތުރަށް ވިދާޅުވީ އެޗްޕީއޭއިން ފުރަތަމަ އެންގީ ޕްރެކްޓިސް ފެށޭނީ ވެކްސިން ޖަހައިގެން ކަމަށާއި ހުރިހާ ޓީމަކުން އެކަންކުރުމުން މިހާރު ލީގު ފަށަން ހުއްދައަށް އެދުމުން އެކަން ނުކޮށްދޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ލީގުގެ ކަންކަމުގައި، ފުޓުބޯޅައިގެ ކަންކަމާއި ގުޅޭ ގޮތުން ތަންކޮޅެއް ޒިންމާދާރުކަމާ އެކު އެޗްޕީއޭއިން ޖަވާބުދާރީވާން ޖެހޭ ކަމަށްވެސް ވައްކޭ ފާހަގަކުރެއްވިއެވެ. ކޮންމެ ކަމެއް ނިމެން ޖެހޭނީ އެންމެ މަތިން ތިބޭ މީހުންނާ ހަމައަށް ގޮސްގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެކަމެއްގެ ޒިންމާއާ ހަވާލުވެ ތިބި ބައެއް، އެކަން ވީ އެންމެ ރަނގަޅަށް ކުރަން ޖެހޭ ކަމަށާއި، ލީގު ފެށުމުގެ ހުއްދައަށް އެދި ކުރެވޭނެ ހުރިހާ ކަމެއް ކްލަބްތަކުން ކުރަމުން އަންނަ އިރު، އެކަމުގައި އެޗްޕީއޭ ދެމުންދާ ޖަވާބުތަކާ ގުޅިގެން ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށް ވައްކޭ ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ އަޅުގަނޑުމެންނަށް މަޖުބޫރު ނުކުރުވާށޭ. ކްލަބްތައް އެ ތިބީ ދަރުބާރުގެ ކައިރިއަށް ވެސް ދާން ތައްޔާރަށް. އެކަމަކު އެއީކީ ރަނގަޅު ގޮތެއް ނޫން ދެއްތޯ. ކްލަބްތައް ގޮސްފިއްޔާމު އޭގެއިން ނުކުންނާނެ ނަތީޖާ ގޯސްވެދާނެ. އެއީއެއް ނޫން ކަންތައް ކުރަންވީ ރީތި އުސޫލަކީ،" ވައްކޭ ވިދާޅުވިއެވެ.

ވައްކޭ އިތުރަށް ވިދާޅުވީ މިގައުމުގައި ފުޓްބޯޅައަކީ "ޖޯކަކަށް" ނުހެދޭނެ ކަމަށާއި ގައުމު އެއްބައިވަންތަ ކޮށް އެންމެން އެއް ގަލަކަށް ގެންނަނީ ފުޓްބޯޅަ އިން ކަމަށްވާއިރު، އެކަމަށް ގެއްލުމެއް ލިބެން ނޭދޭ ކަމަށެވެ. އަދި އޭނާ އެދެނީ އަންނަ ބުރާސްފަތި ދުވަހު އެފްއޭއެމުން އިސްވެ ލީގު ފެށުމަށް ކަމަށް ވައްކޭ ވިދާޅުވި އެވެ.

ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަދި އެފްއޭއެމްގެ އެކްސްކޯ މެންބަރު މުފާވިޒް ހާޝިމް (މުފާ) އިއްޔެގެ ޕްރެސްގައި ވިދާޅުވީ ފުޓުބޯޅައަކީ ޖޯކަކަށް ހަދަން މަސައްކަތް ނުކުރެއްވުމަށާއި، ނިންމުންތަކުގެ ސަބަބުން އެޗްޕީއޭއަށް އަދާކުރަމުން އައި އިހުތިރާމް އަދާކުރަން އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"މިކަން ސިޔާސީ ކުރަން ބޭނުމެއް ނޫން. އެކަހަލަ މަގުސަދެއް ނެތް. އަޅުގަނޑު މި ހުރިހާ ދުވަހު އެޗްޕީއޭއަށް ރެސްޕެކްޓް ކުރިން. އެކަމަކު މިހާރު އުނދަގޫ. އެއީ ވާނެ ގޮތަކީ ފުރަތަމަ (ލީގު ފަށަން) ހުއްދަ ދޭނަމޭ ބުނީ މިމަހު 20 އަށް. މިހާރު މިތިބީ 25 އަށް ރެޑީވެގެން. މިއަދު ހުއްދަ ދިނަސް މި ތިބީ ކްލަބްތައް ރެޑީވެގެން ކުޅެން،" މުފާ ވިދާޅުވިއެވެ.

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މެނޭޖަރު މުހައްމަދު ފަސީން ރާފިއު އިއްޔެގެ ޕްރެސްގައި ވިދާޅުވީ ކަންތައްތައް ވަމުންދާ ގޮތާއި އެޗްޕީއޭގެ ނިންމުންތައް ހުރި ގޮތަށް ބަލާއިރު، ރާއްޖޭގައި ކޮވިޑް މިއީ ކުޅިވަރުތަކުގެ ތެރެއިން ހަމައެކަނި ފުޓްބޯޅައަށް އޮތް ކަމެއް ކަމަށެވެ. ގާތްގަނޑަކަށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން 60 މިލިއަން ރުފިޔާ ސީޒަނަކަށް ހަރަދުކުރާއިރު، އެފަދަ އިންޑަސްޓްރީއެއް ވާނުވާގައި އޮތުމުން ކަންބޮޑުވާކަމަށް ފަސީން ފާހަގަކުރިއެވެ. ދުވަންދާ މީހުންނާއި ބާސްކެޓް ކުޅޭ މީހުންނާއި ޓްރެކަށް މޫދަށް އެރެން ގޮސް ގައިގޯޅިވެ އުޅޭ މީހުންނަށް މީގެ ބިރެއް ނެތް ކަމަށް ފަސީން ޕްރެސްގައި ވިދާޅުވިއެވެ.

"މުޒާހަަރާ އަށް ދާން ޖެހިއްޖިއްޔާމު ގޭދޮށަށް ދާން ޖެހިއްޖިއްޔާމު އަޑުގަދަ ކުރަން ޖެހިއްޖިއްޔާމު ބޯޑުތައް ހިފައިގެން ދާން ޖެހިއްޖިއްޔާމު ޔުނައިޓެޑް ވިކްޓްރީގެ ފަރާތުން މި ތިބީ އެކަން ކުރަން ތައްޔާރަށޭ އުއްމީދުކުރަން އެހެން ޓީމުތަކުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް،" ފަސީން ވިދާޅުވިއެވެ.

އިއްޔެގެ ޕްރެސްގައި ޓީސީގެ ރައީސް އަހުމަދު އައްބާސް (އައްބު)ގެ އިތުރުން ދަ ގްރާންޑޭ އާއި ކްލަބު ވެލެންސިއާއިން ވެސް ބައިވެރިވެފައިވާއިރު، ކްލަބުތަކުން އެދެނީ އެއް ކަމެކެވެ. ފުޓުބޯޅައަށް ހައްލު ހޯދުމަށެވެ. ގައުމީ ފުޓުބޯޅަ ޓީމުގެ ހައްގުގައިވެސް ފުޓުބޯޅަ އަލުން ފަށަން ޖެހެއެވެ. ސަރަހައްދީ ހުރިހާ ގައުމެއްގެ ޓީމުތަކުން ފުޓުބޯޅަ ހުއްޓުމެއް ނެތި ކުޅެމުންދާއިރު، ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައި އޮތް އޮތުމަކީ އެކަމުގެ އަސަރު ޖީލުތަކަށް ފޯރާނެ ކަމެއް ކަމަށް ޓެކްނިކަލް ބޭފުޅުން އަންނަނީ ފާހަގަކުރައްވަމުންނެވެ.

ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ލީގު މިހާރު އޮތް ހިސާބުގައި ބާއްވައި، ރާއްޖޭގެ ލެވެލް ދެމެހެއްޓުމަށް ހަރުދަނާވާން ޖެހެނީ އެޗްޕީއޭގެ ވިސްނުން ކަމަށް ކްލަބުތަކުން ދެކެއެވެ. މިގައުމުގައި ފުޓުބޯޅަ ހުއްޓިފައި އޮތުމަކީ އެތައް ބައެއްގެ ވަޒީފާ ހުއްޓިފައި އޮތުމެވެ. އެތައް ޒުވާނުންނެއް އާމްދަނީ ހޯދުމަށް ބޭނުންކުރާ ވަސީލަތަށް، ސަރުކާރުގެ އިދާރާތަކުން ހުރަސް އަޅަން ނޭދޭއިރު، އެކަމަށް އެހެން ބަޔަކު ހުރަސް އެޅުމަކީ ކްލަބުތަކުން ބަލައިގަންނާނެ ކަމެއް ނޫނެވެ.