ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ލަންދޫ ބަނދަރު މަޝްރޫއުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ވެސް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 32.4 މިލިއަން ރުފިޔާ އަށެވެ.