މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް ޕްރޮޖެކްޓުތައް ފެށުމަށް ކުރި ހަރަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު މިދިޔަ ހަފުތާގެ މާލީ ހިސާބުތައް ނުވަތަ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓުގައި ވާ ގޮތުން މިދިޔަ އަހަރަށްވުރެ މިއަހަރު ކެޕިޓަލް ހަރަދުތައް ވަނީ ދަށްވެފަ އެވެ.
އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު, މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދު ކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ.
ކެޕިޓަލް ހަރަދުތަކުގެ ތެރެއިން ކެޕިޓަލް އިކުއިޕްމަންޓްސް ގަތުމަށް ކުރި ހަރަދު އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު ކެޕިޓަލް ހަރަދުތަކުގެ ތެރޭގައި އެންމެ ބޮޑަށް އިތުރުވާ ބިންތަކާއި އިމާރާތްތަކަށް ކުރި ހޭދަ ވަނީ މިއަހަރު ވަރަށް ބޮޑުތަން މަދުވެފަ އެވެ.
އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ބިންތަކާއި އިމާރާތްތަކަށް 765 މިލިއަން ރުފިޔާ ހަރަދުކުރި އިރު, މިއަހަރު ހަރަދު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާ އެވެ. އަދި އިންފްރާންސްޓުރަކްޗާއަށް ކުރި ހަރަދު ވެސް މިއަހަރު ވަނީ މަދުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެކަމަށް 454.4 މިލިއަން ރުފިޔާ ހަރަދު ކުރި އިރު, މިއަހަރު ހަރަދު ކޮށްފައިވަނީ 383 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު އެންމެ ބޮޑު ހޭދައެއް ކުރީ ތަރައްގީގެ މަޝްރޫއުތަކަށާއި މަޝްރޫއުތައް ފެށުމަށް ކުރި ހަރަދުތަކަށެވެ. އެގޮތުން މިއަހަރު އެކަމަށް 666.6 މިލިއަން ރުފިޔާ ހަރަދުކުރި އިރު, މިދިޔަ އަހަރުގެ މި މުއްދަތުގައި އެކަމަށް ހަރަދު ކޮށްފައިވަނީ 387.7 މިލިއަން ރުފިޔާ އެވެ.
ތަރައްގީގެ މަޝްރޫއުތަކަށާއި މަޝްރޫއުތައް ފެށުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު