ގދ. ތިނަދޫ ތަރައްގީ ކުރަން ނިންމާފައިވަނީ ވިޔަފާރި ހަބެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ތިނަދޫގައި ސަރަހައްދީ ބަނދަރެއް ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ، އެމްޓީސީސީއާ ހަވާލު ކޮށްފަ އެވެ. ތިނަދޫ ޕޯޓު ގާއިމުކުރުމަށް އެ ރަށުން 108،000 އަކަފޫޓުގެ ބިމެއް އެރަށު ކައުންސިލުން ވަނީ އެމްޕީއެލަށް ދީފަ އެވެ.
އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ "ރަށްވެހި ފަތިސް" ކެމްޕެއިން ޕްރޮގުރާމުގައި ރޭ ގދ. އަތޮޅުގެ ކެނޑިޑޭޓުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތިނަދޫގައި ސަރަހައްދީ ބަނދަރާއެކު އެރަށް ތަރައްގީ ކުރަން ނިންމާފައިވަނީ ވިޔަފާރި ހަބެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ބަނދަރާއެކު އެރަށަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ގޮތުގައި ތިނަދޫއަކީ އަޅުގަނޑުމެންގެ ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ރަށެއް. މި ރަށުގެ ބަނދަރު އެއީ ކޮމާޝަލް ބަނދަރެއްގެ ގޮތަށް ބަދަލު ކުރުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތިނަދޫގެ އިރުމަތީ ފަރާތުގެ އިންޑަސްޓްރިއަލް ޒޯން ހިއްކައި، އެތަނުގައި ޕޯޓު އެޅުމުން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ސަރަހައްދީ ބަނދަރާއެކު ބޭރުގެ ބޯޓު ފަހަރުތައް ފާލަމަށް ކައިރި ކުރެވޭނެ ގޮތް ހެދިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު އެރަށުގައި ހުރި ރިހިބިލިޓޭޝަން ސެންޓަރު އިތުރަށް ފުޅާކޮށް، ތަރައްގީ ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުވަދު އަތޮޅުގައި އިންޓަނޭޝަލަން އެއާޕޯޓެއް އެޅުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ދެ ފަރާތަކާއެކު ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. ނަމަވެސް އެއާޕޯޓް އަޅާނެ ރަށެއް އަދި ނިންމާފައިނުވާ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު