ރިޕޯޓް

ހެޔޮނުވާނެ، ދުވެލި މަޑުކޮށްބަލަ!

އަލީ އަފާފް ރަމީޒު

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން ބަޔަކަށް އަނިޔާވި ވާހަކަ ނޫހެއްގެ ސުރުހީއަށް ނާރާ ދުވަހެއް މަދުވާނެއެވެ. ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީހުންގެ ފުރާނައަށް ގެއްލުންވާ ހިސާބަށް އެތައް ފަހަރަކު ގޮސްފައި އެބަހުއްޓެވެ. އެތައް ފަހަރަކު މީހުންގެ ފުރާނަ މި ދުނިޔެ ދޫކޮށްފައިވެސްވެ އެވެ. މި ހަފުތާ ވެގެން މިދިޔައީ އެކްސިޑެންޓް މަރުގެތަކުން ގައުމަށް ސިހުން ގެނުވި ހަފުތާއަކަށެވެ. ހަފުތާއެއްގެ ތެރޭގައި އެކްސިޑެންޓްތަކުގައި މި ވަނީ ތިން މީހަކު މަރުވެފަ އެވެ.

އިއްޔެ ހެނދުނު މުޅި ކުޅުދުއްފުށި ވަނީ ސިހުމެއްގެ ތެރެއަށް ވައްޓާލައިފަ އެވެ. އެންމެ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ ފުރާނަ ގެއްލިގެން ދިޔައީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. އެއީ މީގެ ދެ ހަފުތާ ކުރިން ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޒުވާނާ އެވެ.

ވަރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް، ޕިކަޕެއްގައި ޖެހި ހިނގި، އެ ނުރައްކާތެރި އެކްސިޑެންޓް ވެގެންދިޔައީ އެ ޒުވާނާ މި ދުނިޔެ ދޫކޮށް ދާން ޖެހުނު ސަބަބަށެވެ. ލައިސަންސް ނެތި ދުއްވި އެ ކުއްޖާގެ އިތުރުން އޭނާގެ ފަހަތުގައި އިން ކުއްޖާއަށްވެސް ވަނީ އެތައް އަނިޔާތަކެއް ލިބިފަ އެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ދެމަފިރިން އެކުގައި ސައިކަލު ދުއްވާލުމަށް ނުކުތީ، މުޅި ދިރިއުޅުން ބަދަލުވެގެންދާނެ ކަމަށް ދެކިގެނެއް ނޫނެވެ. ލ. ގަމުގައި މިދިޔަ އާދިއްތަ ދުވަހު ދެމަފިރިން ސައިކަލްގައި ދުއްވާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ އެހެން ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އެ ދެމަފިރިންގެ ތެރެއިން އަންހެން މީހާ ވަނީ މަރުވެފަ އެވެ.

އެކްސިޑެންޓުގައި އަންހެން މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާ ލިބުނެވެ. އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅި، އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މިދިޔަ ހުކުރު ދުވަހު ވަނީ މަރުވެފަ އެވެ. އެ އަންހެން މީހާގެ އިތުރުން އޭނާގެ ފިރިމީހާ އާއި އަނެއް ސައިކަލު ދުއްވަން އިން އަންހެން މީހާއަށްވެސް އަނިޔާވި އެވެ. އެމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، ތަހުގީގަށް އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި އަންހެނަކު މަރުވެފައިވާއިރު، އޭގެ އެއް ދުވަސް ކުރިންވެސް ވަނީ އެކްސިޑެންޓެއްގައި އައްޑޫ ސިޓީގައި އަންހެނަކު މަރުވެފަ އެވެ. އައްޑޫ ސިޓީ ލިންކް ރޯޑްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކަކާއެކު ފެނުނު އަންހެން މީހާ ވަނީ މަރުވެފަ އެވެ. އެކްސިޑެންޓް ހިނގީ ކިހިނެއް ކަމެއް އަދިވެސް ސާފުވެފައި ނުވާއިރު، މަންޒަރު ދުށް މީހުން ވަނީ އެކްސިޑެންޓް ވެފައިވަނީ އެހެން ވެހިކަލެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ހަގީގަަތެއް ނޭނގެ އެވެ.

މި ހަފުތާގެ ހާދިސާތަކުގެ އިތުރަށް މިދިޔަ މަހުގެ ފަހުކޮޅު ފުވައްމުލަކު ސިޓީގައި ހިނގައިދިޔަ ނުރައްކާތެރި ހާދިސާގެ ހަނދާން އެ ރަށު ރައްޔިތުންގެ އިތުރުން މުޅި ގައުމުގެ ހުރިހާ ރައްޔިތުން، އިއްޔެ ވީ ކަމެއް ފަދައިން ހަނދާން ހުންނާނެ އެވެ. ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެރީ ގަހަކަށެވެ.

އެ އެކްސިޑެންޓްގައި ދެ ޒުވާނެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. އުމުރުން 18 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެކެވެ. އެކްސިޑެންޓް ހިނގައި އެ ދެ ޒުވާނުން ކާރުގައި ތާށިވެފައި ތިބި މަންޒަރު ބަލަން ކެތްވާވަރަށްވުރެވެސް ހިތްދައްޗެވެ. އެ ދެ ޒުވާނުން މަރުވެގެން ދިޔައީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށެވެ.

މި ހުރިހާ ހާދިސާއެއްގެ ފަހަތުގައި ވަނީ ދާދި އެއް ކަމެކެވެ. އެއީ ބާރު ސްޕީޑުގައި ދުއްވުމެވެ. ކޮންޓްރޯލް ނުވާ ވަރަށް ދުއްވުމެވެ. ފުރާނައަށް ބެލުމެއްނެތި، ބާރަށް ދުއްވާފައި ދިއުމުން، ގެއްލިގެން ދަނީ ހަމައެކަނި ދުއްވަން އިންނަ މީހާގެ ފުރާނަ އެކަންޏެއް ނޫނެވެ. ބައެއް ފަހަރު ސައިކަލްގެ ފަހަތުގައި އިންނަ މީހާ އެވެ. ނުވަތަ މަގުމަތިން ހިނގާފައި ދާ މީހާ އެވެ. ނުވަތަ އެހެން ވެހިކަލެއްގައި އިންނަ މީހާ އެވެ. ބާރަށް ދުއްވާފައި ދާ މިހާ މިކަންކަމާމެދު ވިސްނައިލަންޖެހެ އެވެ.

ފުރާނަ އެކަންޏެއް ނޫނެވެ. އެތައް އާއިލާއެއްގެ ދިރިއުޅުންވެސް ހަލާކު ވެގެން ގޮސްފައި އެބަހުއްޓެވެ. އެތަކެއް އާއިލާއެއް ކަރުނައަޅައި ރޯން ޖެހިފައިވެސް އެބަހުއްޓެވެ. ފުރާނައަށް ގެއްލޭ ފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގައި އަނިޔާވެ، ނުކުޅެދުންތެރިކަން ތަހައްމަލު ކުރަންޖެހިފައިވެސް އެބަހުއްޓެވެ. ބަލައިނުލައި ދުއްވުމުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެއްޖެ އެވެ. އެކްސިޑެންޓްތަކުގައި އިހުމާލުވި ކަމުގެ ކުށުގައި އެތަކެއް ޒުވާނުން ޖަލުގައި ދުވަސްތައް ގުނަންވެސް ޖެހިފައި އެބަހުއްޓެވެ. އެކްސިޑެންޓެއްގެ ސަބަބުން ތިމާގެ ދިރިއުޅުންވެސް ހަލާކުވެގެން ހިނގައިދާނެ އެވެ. ހިތާމަ ކުރަން ޖެހޭނީ ހަމައެކަނި ފުރާނަ ގެއްލިގެންދާ އާއިލާ އެކަންޏެއް ނޫނެވެ.

މިފަދަ އެތަކެއް ހާދިސާއެއް މި ގައުމު ދެކެފި އެވެ. އެކްސިޑެންޓުގައި ފުރާނައެއް ގެއްލޭ ކޮންމެ ފަހަރަކު އާންމުންގެ ރުޅި ގަދަވެ އެވެ. ނަމަވެސް އޭގެ އަނެއް ދުވަހު ހަނދާން ހުންނަނީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. އަރާ އިރާއެކު ރުޅިގަނޑުވެސް މައިތިރިވެ، އެކްސިޑެންޓްތައް މަތީން ހަނދާން ނެތެއެވެ.

ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލު ކުރަން ޖެހޭ

އެކްސިޑެންޓުތައް މެދުވެރިވަނީ ހަމަ އެކަނި ބާރަށް ދުއްވައިގެން ކަމަށް ބުނެވޭކަށް ނެތެވެ. މަގުމަތީގެ ގަވާއިދުތައް ހެދިފައި އެބަހުއްޓެވެ. އެކަންކަމަށް ބޯލަނބަނީ ކިތައް މީހުން ހެއްޔެވެ؟ އެކަންކަމަށް އިދާރާތަކުން ބަލަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ހަމަ އެކަނި ކަރުދާހެއްގައި ލިޔެލައި ބޭއްވުމުން ނިމުނީ ހެއްޔެވެ؟ ނުވަތަ ސްޓިކާ ޖެހުމާއި ސައިކަލު މަޑިދަށުން ހަމަ ނުވާތަކެތީން ޖޫރިމަނާ ކޮށްލުމުން ނިމުނީ ހެއްޔެވެ؟ ޓްރެފިކް ކުށަކީ ވަކި ކުށްތަކެއް ހެއްޔެވެ؟

އާންމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ފުލުހުން މި ގަވާއިދުތަކުގެ އެއް ބަޔަށް އަމަލު ކުރުމެވެ. ޗެކް ޕޮއިންޓްތައް ހަދައިގެން ފުލުހުން ހަމައެކަނި ބަލަން ޖެހޭނީ ލައިސަންސާއި އަހަރީ ފީއާއި، އިންޝުއަރެންސް އަދި ރޯޑް ވާދިނަސް ހަމަތޯ އެކަންޏެއް ނޫނެވެ. ނުބައި ފަޅިން އޯވާޓޭކް ކުރުމާއި ސިގްނަލް ނުދީ ގޯޅި އެޅުމަކީވެސް ކުށެކެވެ. ވަން ވޭ ފަޅާލަފައި ދުއްވާ ވެހިކަލްތަކާއި ކަފިހި ހުރަހަށް މަޑު ނުކުރުމަކީވެސް ކުށެކެވެ.

މި ހުރިހާ ކަމެއްވެސް ގޮސް ގުޅެނީ އެއް ކަމަކަށެވެ. ނުރައްކާތެރި އެކްސިޑެންޓްތަކަށެވެ. ފުލުހުން ސަމާލުކަން ދޭން ޖެހޭ މިންވަރަށް ސަމާލުކަން ނުދިނުމަކީ ވެސް މިފަދަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ކަމެއް ކަމަށްބުނެ، އާންމުންގެ ރުޅިގަނޑު ނުބާލާ ފަހަރެއް މަދުވާނެ އެވެ.

ގާނޫނުތަކާއި ގަވާއިދުތަކަށް ފުލުހުން ފުރިހަމައަށް އަމަލު ނުކުރާ ކަމަށް ބުނެ، އެހެން ކަންކަމަށް ފަސް އަޅައި ފޮރުވާލުމަކީ ބަހަނާއެކެވެ. ނަމަވެސް ބާރަށް ދުއްވުމާއި ގަވާއިދުތަކަށް ބޯ ނުލެނބުމަކީ ބަހަނާއެއް ނޫނެވެ. ދުވެލި މަޑުކުރުމަކީ ފަރުދީ ޒިންމާއެކެވެ. ސައިކަލާއި ކާރު ކޮންޓްރޯލް ނުވާ މިންވަރަށް ބާރަށް ދުއްވުމަކީ "ސަޅިކަމެއް" ނޫނެވެ. ދުވެލި މަޑުކުރަން އެބަ ޖެހެ އެވެ. އެ ޒިންމާ މިއަދު އެންމެންވެސް އަދާ ކުރަން އެބަ ޖެހެ އެވެ. އެހެން ނޫންނަމަ ވަގުތު ފާއިތުވެދާނެ އެވެ.