ދ. ރިނބުދޫ ސްކޫލްގެ ޕްރިންސިޕަލްގެ ދިފާއުގައި ބެލެނެވެރިންތަކެއް ނިކުމެ މުޒާހަރާކޮށް ސްކޫލުގައި ތަޅު އަޅުވައިފި އެވެ.

ރިނބުދޫ ކައުންސިލް ރައީސް ހާތިމް އިބްރާހިމް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ސްކޫލަށް ކުދިން ހާޒިރުވާ ގަޑީގެ ކުރިން ބެލެނިވެރިންތަކެއް ގޮސް ސްކޫލް ގޭޓުގައި ބޮޑު ތަޅެއް ހަރުކުރި ކަމަށެވެ. އަދި އެ ބެލެނެވެރިން ޝުއޫރުތައް ފާޅުކުރަމުން ދިޔައީ ޕްރިންސިޕަލްގެ ދިފާއުގައި ކަމަށްވެސް ވިދާޅުވި އެވެ.

ހާތިމް ވިދާޅުވީ ޕްރިންސިޕަލްގެ ސުލޫކީ މައްސަލައެއް ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ހާޒިރުވާން އަންގައިގެން އޭނާ މާލެ ގޮސްފައިވާ ކަމަށެވެ.

ބެލެނެވެރިންގެ މި މުޒާހަރާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އެ ބެލެނެވެރިންނާ ފޯނުން ބައްދަލު ކުރާނެ ކަމަށް ބުނުމުން މިއަދަށް މުޒާހަރާ ކުރުން ހުއްޓާލާފައިވާ ކަމަށް ހާތިމް ވިދާޅުވި އެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ އެ ސްކޫލްގެ ޕްރިންސިޕަލް އަކީ ގާބިލު ބޭފުޅެއް ކަމަށާއި އޭނާއާ މެދު ފިޔަވަޅު އަޅަން އުޅެނީ ސިޔާސީ މަންފާއެއްގައި ޒާތީ ހަސަދައެއް ފިލުވައިލުމަށް ކަމަށެވެ.

ހާތިމް ވިދާޅުވީ މަދު ބެލެނެވެރިންތަކެއްގެ ސަބަބުން އެތައް ދަރިވަރުންނެއްގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ. އަދި ދަރިވަރުން ކުރިމަތީގައި ދައްކަން ބޭނުން ނުވާ މަންޒަރުތައް ފެނިގެން ދިޔަ ކަމަށެވެ.

"ހެނދުނު ދަރިވަރުން ސްކޫލަށް ދާ ގަޑިއާ ދިމާކޮށް މި މުޒާހަރާއެއް މިކުރީ. ހުރިހާ ދަރިވަރުން މަގުމަތީގަ މި ތިބީ. ނާސްތާ ގަޑި ޖެހުނު އިރުވެސް އެކުދިންނަށް ނާސްތާއެއްވެސް ނުލިބޭ. އެތައް ގެއްލުމެއް ދަރިވަރުންނަށް މި ލިބުނީ. މިއީކީ ބަލައިގަނެވޭނެ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.

ސްކޫލްގައި ތަޅު އެޅުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި މައްސަލަ އެޑިއުކޭޝްނަ މިނިސްޓްރީ އަށާއި ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށް ހާތިމް ވިދާޅުވި އެވެ. އަދި މިކަމަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ކުރި ކަމެއް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.