ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދ. ރިނބުދޫގައި ރަން/ރިހީގެ މަސައްކަތްތައް ދަސްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުއްވައިފިއެވެ.
ރައީސް މުއިއްޒު، ދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރިނބުދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ރިނބުދޫއަކީ ރަން/ރިހީގެ އަތްތެރިކަމުގެ މަސައްކަތަކަށް ހާއްސަ ރަށެއް ކަމަށެވެ.
"އެއީ (ރަން/ރިހީގެ އަތްތެރިކަމުގެ މަސައްކަތް) އަކީ މި ރަށުގެ ރައްޔިތުން މާލޭގައި އުޅުނަސް އެހެންތާކު އުޅުނަސް މި ރަށުގެ ރައްޔިތުން ކުރާކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހި ގައުމިއްޔަތު ދިރިވައި އާލާކުރުމުގެ މަޝްރޫއުގެ ތެރޭގައި ދިވެހި އައިޑެންޓިޓީ ހިމާޔަތް ކުރުން ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހިން ކުރިން އުޅުނު ގޮތް ދިރުވައި އާލާކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހިންގެ އައިޑެންޓިޓީގެ ތެރޭގައި ދިވެހިން ކުރަމުން ގޮސްފައިވާ މަސައްކަތްތައް ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ދިވެހި އައިޑެންޓިޓީ ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން ބ. ތުޅާދޫގައި ލިޔެލާ ޖަހަން ދަސްކޮށްދޭ ސެންޓަރެއް ދައުލަތުގެ ހަރަދުގައި ހެދުމުގެ މަސައްކަތް ކުރާ އިރު، އަމާޒަކީ ރިނބުދޫގައި ވެސް ރަން/ރިހީގެ މަސައްކަތް ދަސްކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ ހަމަ މި ރަށުގައިވެސް ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާ ސެޓްފިކެޓް ލިބޭނެ ގޮތަށް އެ މަސައްކަތް (ރަން/ރިހީގެ އަތްތެރިކަމުގެ މަސައްކަތް) ދަސްކޮށްދެވޭނެ ނިޒާމެއް ގާއިމްކޮށްދޭން. އެއީ މި ރަށުގައި ގާއިމްވެ ތިބެ މި ރަށުގައި ފިޒިކަލީ އެ ތަމްރީންތައް ދެވޭ ގޮތަށް. އެހެންވީމާ އެކަމަށް އަޅުގަނޑުމެން މަސައްކަތްތަކެއް ފަށާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަން/ރިހީގެ މަސައްކަތް ދަސްކޮށްދޭން ޓްރެއިނަރުންގެ ގޮތުގައިވެސް ހަމަޖައްސާނީ ރިނބުދޫގައި އެކަން ކުރާ އެކްސްޕާޓުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރިނބުދޫގައި ރަން/ރިހީގެ މަސައްކަތް ދަސްކޮށްދޭން ފެށުމުން އެ ރަށަށް އިގްތިސޯދީ ގޮތުންނާއި އެހެން ގޮތްގޮތުން ފައިދާވާނެ ކަމަށެވެ.
ރާއްޖޭގެ ތާރީހީ ބައެއް ފަތްފުތްތަކުން އެނގެން އޮންނަ ގޮތުގައި ރާއްޖޭގައި ރަން/ރިހީގެ މަސައްކަތަށް އެންމެ ފުންނާބުއުސް މީހުން ތިބި ރަށަކީ، ދ. ހުޅުދެއްޔާއި ރިނބުދޫއެވެ. އެއީ އެތައް ޒަމާނެއްކުރީއްސުރެ އެ ދެ ރަށަށް ހާއްސަ ކަމެކެވެ. ތިލޭރުކަން ކުރުމަށް އެ ރަށަށް ރާއްޖޭގެ އެކި ކަންކޮޅުން މީހުން އައިސްފައިވާކަން ތާރީހީ ބައެއް ލިޔުންތަކުން މިއަދުވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން 19 ވަނަ ގަރުނުގައި އާއްމުކުރި ބްރިޓިޝް އެޑްމިރަލްޓީ ޗާޓުގައި ރިނބުދޫ ފާހަގަކޮށްފައިވަނީ "ޖުވެލާސް އައިލެންޑް"ގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު