ދ. ރިނބުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ބަނދަރު ސަރަހައްދުގައި ބިނާކުރި "ބަނދަރު ހިޔާ" ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ނައިބު ރައީސް "ބަނދަރު ހިޔާ" ހުޅުވައިދެއްވީ ރިނބިދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްފަހަރާ 60 މީހުންނަށް ތިބެވޭ ޖާގައިގެ މި އިމާރާތަކީ ފުރިހަމައަށް އޭސީކޮށް، ފާހާނާގެ ހިދުމަތްވެސް ހިމަނައިގެން ތަރައްގީކޮށްފައިވާ ތަނެކެވެ.

އެތަން ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ނައިބު ރައީސް ވަނީ އެ އިމާރާތުގެ އެތެރެ ބައްލަވާލައްވައި، ތަނުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބައްލަވާލައްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ރިނބުދޫ ރައްޔިތުންގެ ކިބައިން ފެންނަ އެއްބައިވަންތަކަމާއި، ސާފުތާހިރުކަމުގެ އިތުރުން ރަށުވަންތަ މިޒާޖަށް ތައުރީފު ކުރައްވާފައެވެ. ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލުން މިފަދަ ހިދުމަތެއް ގާއިމުކުރުމަކީ ރަށުގެ އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ނައިބު ރައީސް ވިދާޅުވީ މިއީ އެކަކު އަނެކަކާ ބައްދަލުވެ، ހިތްހަމަޖައްސާލުމަށާއި، މީހުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށެވެ.

26 ނޮވެމްބަރު 2026، ދ. ރިނބުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ބަނދަރު ސަރަހައްދުގައި ބިނާކުރި "ބަނދަރު ހިޔާ" ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފައިދާހުރި މިފަދަ ކަންކަން ކުރުމަށް އިސްނަގާ އެއްވެސް ކައުންސިލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސްނާޅާނެ ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް އިހުތިޔާރުކުރާނީ ރައްޔިތުން ކަމަށާއި، ކައުންސިލްތަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވިއެވެ.

ދުނިޔެއަށް ދިމާވާ އިގްތިސޯދީ އަދި އެހެނިހެން ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ގައުމުގެ ދަރަނި އަދާކުރުމާއި، ރައްޔިތުންގެ އަސާސީ ކާބޯތަކެއްޗަށް ދަތިނުވާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އަދި، ރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނަށް އެއްވެސް އުނިކަމެއް ނާންނާނެހެން، ރައްޔިތުން އެދޭފަދަ ތަރައްގީ ގެނެސްދިނުމަކީ ރައީސް އެންމެ އިސްކަންދެއްވާ ކަންތައްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.