ދ. ރިނބުދޫން ބޮޑު ބޮލިވަޅެއް ފެނިއްޖެ އެވެ.

އެ ބޮލިވަޅު ފެނިފައިވަނީ އެރަށު ސިއްހީ މަރުކަޒާ ދިމާލަށް ދެކުނަށް އޮންނަ މަގުންނެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ރިނބުދޫ ކައުންސިލްގެ ރައީސް އަހުމަދު އިގްބާލް އަބްދުލްގައްޔޫމް މިއަދު ވިދާޅުވީ، ބޮލިވަޅު ފެނުނީ ފެނާއި ނަރުދަމާގެ މަސައްކަތަށް ހޮޅި ވަޅުލުމަށް އެ ސަރަހައްދު ކޮނުމުގެ ތެރޭގައި މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު. އެ މައުލޫމާތު ވާނީ ހެރިޓޭޖް މިިނިސްޓްރީއަށްވެސް އަންގާފައި. މިހާރު އަޅުގަނޑުމެން މިދަނީ ބޮލިތައް ގުނުމުގެ މަސައްކަތް ކުރަމުން" އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވި ގޮތުގައި އެ ބޮލިވަޅަކީ ދުވަސްވީ ބޮލިވަޅެކެވެ. ބޮލިވަޅާ ބެހޭ އެއްވެސް މައުލޫމާތެއް އެރަށު ދުވަސްވީ މީހުންނަށްވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ. ބޮލިވަޅު ފެނުނު ސަރަހައްދަކީ މީހުން އާބާދުވެ އުޅުނު ސަރަހައްދެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ބޮލިވަޅާ ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން އެވަޅާމެދު އަމަލު ކުރުމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ވަޅުގައި ގިނަ އަދަދެއްގެ ބޮލި އެބަހުއްޓެވެ. އެއީ އިހުގެ ދިވެހިން ފައިސާގެ ގޮތުގައި ބޭނުންކުރި ބާވަތުގެ ކުދި ބޮއްޔެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ރަށްރަށުން ބޮލިވަޅުތައް ފެނިފައި އެބަހުއްޓެވެ.