ކޮވިޑް-19އާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ ގިނަ ހަރަދުތައް ކޮށްފައިވަނީ އެ ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އާންމުކުރި މި އޮޑިޓަކީ ކޮވިޑާ ގުޅިގެން އެޗްޑީސީން ކުރި ހަރަދުތައް ކޮށްފައިވަނީ އެ ކުންފުނީގެ ގަވާއިދުތަކާ އެއްގޮތަށްތޯ އާއި އަދި އެ ހަރަދުތައް ކޮށްފައިވަނީ ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަށްތޯ ބެލުމަށް ކުރި އޮޑިޓެކެވެ. އަދި މި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު އޮޑިޓުގައި ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭ ގޮތުން އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި އެ ރިޕޯޓު އެޗްޑީސީ އަށާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާނެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ, ކޮވިޑާ ގުޅިގެން އެޗްޑީސީން ކޮށްފައިވާ ގިނަ ހަރަދުތައް ކޮށްފައިވަނީ ރަނގަޅަށް ނަމަވެސް, އެ ބަލިމަޑުކަމާ ގުޅިގެން އެ ކުންފުނިން ހުޅުމާލޭގައި ގާއިމުކޮށް ހިންގި ވަގުތީ ފެސިލިޓީތަކުގައި ތިބި ބިދޭސީ މަސައްކަތު މީހުންނަށް ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ޖުމުލަ 531,467 ރުފިޔާ ހަރަދުކޮށްފައިވާއިރު ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިން މުއްދަތުގެ ތެރޭގައި އެކި ދުވަހު ފެސިލިޓީގައި ތިބި މީހުންގެ އަދަދާއި ތިބި މީހުންގެ މައުލޫމާތު ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން އެޗްޑީސީން ހުޅުމާލޭގައި ގާއިމުކުރި ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިން ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކަށް ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިން އަދަދާއި ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިން ދުވަހާ ގުޅޭ މައުލޫމާތު ބެލެހެއްޓުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ އެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑާ ގުޅިގެން ހުޅުމަލޭގައި ވަގުތީ ފެސިލިޓީތައް ތަރައްގީކޮށް އެ ތަންތަން ދުވަހުން ދުވަހަށް ބަލަހައްޓައި ހިންގުމަށާއި އޭގެ ތެރެއިން ބައެއް ފެސިލިޓީތަކުގައި ތިބޭ ބިދޭސީ މަސައްކަތްތެރިންނަށާއި ހުޅުމާލޭގައި އެޗްޑީސީން ގާއިމުކުރި އިންސިޑެންޓް ކޮމާންޑް ޕޯސްޓުގައި މަސައްކަތްކުރި އެ ކުންފުނީގެ މުވައްޒަފުންނަށް ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 10 އިން ސެޕްޓެމްބަރު 30 އަށް ޖުމުލަ 12 މިލިއަން ރުފިޔާ އެޗްޑީސީން ހަރަދުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު