މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފަށާއިރު، ރޯޑް ސޭފްޓީ ކައުންސިލުން ޓްރާންސްޕޯޓް އޮތޯރިޓީ އުނިކުރަން މަޖިލިސް ތަޅުމުގައި ބަހުސް ކުރަން އެޖެންޑާ ކޮށްފިއެވެ.
ރޯޑް ސޭފްޓީ ކައުންސިލަކީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލެކެވެ.
އެއްގަމު ދަތުރު ފަތުރު ކުރުމާބެހޭ ގާނޫނުގެ 1-3 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މި ގާނޫނު ތަންފީޒު ކުރުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި، އަންނަނިވި އިދާރާތަކުގެ ތެރެއިން ކޮންމެ އިދާރާއަކުން އެއް މެންބަރު ހިމެނޭ ގޮތަށް "ރޯޑް ސޭފްޓީަކައުންސިލު" ގެ ނަމުގައި ކައުންސިލެއް އެކުލަވާލަންވާނެ ކަމަށެވެ.
"ރޯޑް ސޭފްޓީ ކައުންސިލް"ގައި ހިމެނޭ އިދާރާތައް:
1 އެއްގަމު ދަތުރުފަތުރާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ
2 މަގުހެދުމާއި، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ
3 މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
4 މޯލްޑިވްސް ޕޮލިސް ސަރވިސް
5 އެޓާނީ ޖެނެރަލްގެ އޮފީސް
6 ލޯކަލް ގަވަންމަންޓް އޮތޯރިޓީ އަދި
7 ތިމާވެއްޓާ ގުޅޭ ސިޔާސަތުތައް އެކަށައަޅައި، ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީ
މި ކައުންސިލުން ޓްރާންސްޕޯޓް އޮތޯރިޓީ އުނިކުރަން ސަރުކާރުން ހުށަހަޅާފައި ވަނީ އެއްގަމު ދަތުރު ފަތުރު ކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
އެހެންކަމުން ސަރުކާރުން މަޖިލީހަށް ބިލު ފޮނުވާފައި ވަނީ، އެއްގަމު ދަތުރު ފަތުރު ކުރުމާބެހޭ ގާނޫނުގެ 1-3 ވަނަ މާއްދާގެ (ހ) (ގެ ތިންވަނަ ނަމްބަރު އުވާލުމަށެވެ.
މި ބިލު ރއްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.
ރޯޑް ސޭފްޓީ ކައުންސިލުން ޓްރާންސްޕޯޓް އޮތޯރިޓީ އުނިކުރަން ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެތަނުގެ މުވައްޒަފުންނާއި ތަކެއްޗާއި ފައިސާ، ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ބިލެއް ވެސް ހުށަހަޅައިފައެވެ.
އެބިލު މަޖިލީހަށް ބަލަގެންފައިވީނަމަވެސް، ގިނަ މެންބަރުންތަކެއް ވަނީ އެ އޮތޯރިޓީ އުވާލުމަށް ދެކޮޅު ހައްދަވައި ވާހަކަ ދައްކަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 10:30 ގައެވެ.