ޚަބަރު

ކުޑަހުވަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 24 އަށް

ދ. ކުޑަހުވަދޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 24 އަށް އަރައިފިއެވެ.

ކުޑަހުވަދޫން ބަޔަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. އެ ރަށުގެ ދ. އެއާޕޯޓުގައި މަސައްކަތްކުރާ ހަ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިރޭ "ވަން"އަށް މައުލޫމާތުދެމުން ބުނީ މިއަދު އަތޮޅުތެރެއިން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ކުޑަހުވަދޫގެ ދެ މީހަކު ހިމެނޭ ކަމަށެވެ.

އެއާއެކު ކުޑަހުވަދޫން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ 24 އަށް އަރައިފައެވެ. އެ ރަށުގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 100 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ކުޑަހުވަދޫގައި ބަލިފެތުރުމާ ގުޅިގެން، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ ރަށުން ފުރި މީހުން އަންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެދިފައެވެ. އަދި އެ މުއްދަތުގައި ކުޑަހުވަދޫއަށް ދަތުރުކޮށް 14 ދުވަސް ހަމަ ނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އެ ކްލަސްޓާއާ ގުޅިގެން އިއްޔެ ދ. މީދޫން ވެސް ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. އެ ކޭސްއާ ގުޅިގެން އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.