ކޮވިޑް 19 ގެ ސަލާމަތާ ގުޅޭ ހުރިހާ ކަމެއްގައި ލަފާދިނުމަށް އުފައްދާފައިވާ، ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ޓީމަށް އެމްޑީޕީ މަޖިލިސް މެންބަރުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

މެންބަރުން އެފަދަ ތުހުމަތުތަކެއް ކޮށްފައިވަނީ، ކޮވިޑް 19 ގެ ސަބަބުން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަަޅުތަކުން ހޮޓާ، ރެސްޓޯރެންޓް، ކެފޭ ފަދަ ކާބޯތަކެތި ވިއްކާ ތަންތަނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެ ފަރާތްތަކަށް އެކަށީގެންވާ ބަދަލަކާއެކު ލުއި ދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވި މައްސަލައިގެ ބަހުސްގައެވެ.

އެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ކޮވިޑާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ޓެގް ޓީމުގެ މަސްލަހަތު ހިމެނޭ ކަމަށެވެ.

އެގޮތުން ޕީސީއާރު ޓެސްޓުތައް ހެދުމުގައި ވެސް ވަރަށް ބޮޑު މައްސަލަތަކެއް އުޅޭކަން ފާހަގަކުރައްވައި މުހައްމަދު ރަޝީދު ވިދާޅުވީ، 15 ވަރަކަށް މިލިޔަން ޑޮލަރު ޕީސީއާރު ޓެސްޓުތަކަށް ރާއްޖެއިން ހަރަދު ކުރިކަން އެނގިފައިވާ އިރު، އޭގެ ތެރެއިން ފަސްވަރަކަށް މިލިޔަން ޑޮލަރު އެތަނުން އެއް ޑޮކްޓަރަކާ ގުޅުން އޮންނަ ކުންފުންޏަކުން ނަގާ ވާހަކަވެސް ބަޔަކު ދައްކަމުންދާ ކަމަށެވެ.

އެކަންކަަމަކީ ރައްޔިތުން ކަންބޮޑުވާނެ ކަންކަން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ، ފްރަންޓްލައިން ޗާޖުތަކާއި އިތުރު ގަޑީގެ ފައިސާގެ ނަމުގައި ފްރަންޓްލައިނުގައި ތިބި އެތައް ބަޔަކު ނާޖާއިޒް ފައިދާތަކެއް ނަގަމުންދާ ކަމަށެވެ.

އެހެންކަމުން މިހާރު އިއުލާން ކޮށްފައި މިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ޓެގް ޓީމުން ބޭނުން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މަހަކު އެއްފަހަރު އެމީހުންނަށް އެ ލިބޭ އިތުރު ގަޑީގެ ފައިސާ ގިނަކޮށްގެން އަށްޑިހަ ވަރަކަށް ހާސް، ފައިސާ އިތުރަށް ނަގާ. އެހެންކަމުން ޓެގް ޓީމުން މީތި ދުވަހަކު ވެސް އުވާލާކަށް ނޭދޭނެ،" މެންބަރު ވިދާޅުވިއެވެ.

މި މައްސަލައަށް ވާހަކަދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ޓީމުން މާލީ މަންފާއަކަށްޓަކައި، އެޗްޕީއޭ ހައިޖެކް ކޮށްފައިވާ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދަނީ، އެޗްޕީއޭއިން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ބާރު އެޗްޕީއޭގައި އޮތް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭގައި ތިއްބަވާ، ޑޮކްޓަރުންނާއި އެކްސްޕާޓުންގެ ލަފާވެސް ނުހޯދާ ކަމަށައި ހާއްސަކޮށް ސިވިލް ސާވިސް އޮނިގަނޑުގެ ތެރެއިން އެޗްޕީއޭގައި ހުންނަވާ ވަކީލުގެ އެހީތެރިކަންވެސް ބޭނުން ނުކުރާ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ، އެޑްވައިޒަރީ ބޯޑު ނުވަތަ ޓެގް ޓީމޭ ކިޔާ ބަޔަކު އެޗްޕީއޭ ހިސާރު ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެޗްޕީއޭގެ އަސްލު އިދާރާގެ ހިންގުމެއް ނެތް ކަމަށެވެ.

"ޓެގް ޓީމުން ހައިޖެކް ކޮށްފަ އޮންނަ، ހިސާރު ކޮށްގެން މިއުޅެނީ، އެއީ އެޑްވައިޒަރީ ބޯޑު ނުވަތަ ޓެގްޓީމޭ މިކިޔާ ބައެއް، އެޗްޕީއޭގެ އަސްލު އިދާރާގެ ހިންގުމެއް ނެތް، އޭގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް، މައްސަލަ ވަރަށް ސާފު ވަކި ބަޔަކު އެމީހުންގެ މާލީ މަންފާއެއް ހޯދުމަށްޓަކައި އަޅުގަނޑު މި ދަންނަވާ ޓެގް ޓީމުން މާލީ މަންފާއެއް ހޯދުމަށްޓަކައި އެޗްޕީއޭގެ އިދާރާ ހިސާރުކޮށްފައި މިވަނީ. މި މައްސަލައަށް ނިމުމެއް ގެންނަން އެބަ ޖެހޭ، މިއީ ވަރަށް ބޮޑު ސީރިއަސް މައްސަލައެއް ވަކި ބައެއްގެ ވިޔަފާރި އެމީހުން އަމިއްލައަށް އަމިއްލަ މަންފާއަށްޓަކައި އެޗްޕީއޭ ހިސާރުކޮށްގެން ވަކި ގޮތަކަށް ނުގެންދެވޭނެ،" ބޮންޑޭ ވިދާޅުވިއެވެ.