ކޮވިޑްގެ ނުރައްކާތެރިކަން އަދިވެސް ކުޑަނޫން ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތުން މުހިންމު ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

މައިމޫނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިގްތިސޯދީ ކޮމިޓީއަށް އެޗްޕީއޭގެ ބޭފުޅުން ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިިން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުޣުނީ ސުވާލު ކުރެއްވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު އަހަރަކަށްވުރެ ގިނަސްދުވަސްވެފައި ވާއިރު، މިހާރުގެ މިހާލަތަކީ ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ހާލަތެއްތޯ އެވެ.

ޖަވާބު ދެއްވަމުން ޑިރެކްޓާ ޖެނެރަލް މައިމޫނާ ވިދާޅުވީ ކޮވިޑްގެ ނުރައްކާތެރިކަން އަދިވެސް ކުޑަނޫން ކަމަށެވެ. މުޅި ދުނިޔެއިން އަދިވެސް ދެކެނީ އެއީ ޕެންޑެމިކެއްގެ ގޮތުގައި ކަމަށާއި ބާރުމިނުގައި އަދިވެސް ބަލި ފެތުރެމުންދާ ކަމަށް މައިމޫނާ ވިދާޅުވިއެވެ.

މައިމޫނާ ވިދާޅުވީ ކުއްލި ނުރައްކަލުުގެ ހާލަތު އަދިވެސް އޮތުން މުހިއްމު ވަނީ ކޮވިޑްގެ ސަބަބުން ކުއްލިއަކަށް އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން އެފަދަ ފިޔަވަޅުތައް އަޅަން ފަސޭހަވެގެންދާނެ ކަމަށާއި އެކަމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އޮތުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

މައިމޫނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަމަށް ވާނަމަ ކޮވިޑާ ގުޅިގެން އަޅާން ޖެހޭ ފިޔަވަޅުތައް އަޅަން ދަތިވާނެ ކަމަށެވެ.

ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ބެހޭގޮތުން މައިމޫނާ ވިދާޅުވީ ކޮވިޑް ވެކްސިން ޖަހަމުން އަންނަ ގޮތަށް ބަލައި، ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށްފަހު ލުއިދޭން ޖެހޭ ހާލަތުގައި ލުއި ދެއްވާނެ ކަމަށެވެ. އެހެންކަމުން އެންމެންވެސް ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް މައިމޫނާ އިލްތިމާސް ކުރެއްވިއެވެ.

ކާބޯތަކެތި ވިއްކާ ތަންތަނަށް އަޅާފައިވާ ފިޔަވަޅާ ގުޅިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައިމޫނާ ވިދާޅުވީ އެތަންތަނާ މެދު މިވަގުތަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.