ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން އޮތް ގަޑިއަށް ނުފެށި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑަިއރެކްޓަރު ހަސް ޒިއާއު ވިދާޅުވީ، ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ 9:00 ގައި ނުފެށި ލަސްވަމުންދާ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް މަސއްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ، ތ. ތިމަރަފުށީ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ނިމި، ޒުވާނުންނަށް މި ދަނޑުގައި ފުޓުބޯޅަ ކުޅެން ފެށޭނެ ތާރީހާ ބެހޭގޮތުން، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒު، މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހްލޫފާ ސުވާލު ކުރެއްވުމަށެވެ.
އެއަށްފަހު، ދެން އޮތީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ، ހޮޓާ ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތި ވަމުން އަންނަ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ މައްސަލަ ހުށަހެޅުމެވެ.
މީގެ އިތުރުން އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް ފޮނުވާފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމަށާއި، މިފަހުން މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި ކަންހިނގާފައިވާ ގޮތް ބެލުމަށާއި، އެކަމާ ބެހޭގޮތުން ހެދިފައިވާ ގައިޑްލައިންތަކާއި އުސޫލުތަކާ އެއްގޮތަށް މާލޭ ވިޔަފާރި ބަނދަރުގައި ސަލާމަތީ ކަންކަން ބެލެހެއްޓެމުން ދޭތޯ ބެއްލެވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމަށްވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް