ނ. މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

އެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ ހުޅުވާލީ މިދިޔަ ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ, އެ އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ, އަލުން އެކަމަށް ހުޅުވާލާ ކަމަށެވެ.

މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރަން ދޭން ނިންމާފައިވަނީ 132,000 އަކަފޫޓުގެ ބިމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ, އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރި ވެވޭނެ ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެހޭނީ މިނިސްޓްރީއަށް މެއިލް ކުރާށެވެ.

މި ޕްރޮޖެކްޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހު އެވެ.