އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓާފައިވާއިރު، ޗެލްސީން ކުޅުނު މެޗުގައި ޝެފީލްޑްޔުނައިޓެޑް ބަލިކޮށް، އެޓީމުން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ލެސްޓާއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުން އެޓީމު ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ. ލެސްޓާއިން މިވަގުތު ރަނގަޅު ފޯމެއްގައި އޮވެ އެފްއޭ ކަޕްގެ ސެމީއަށް ދަތުރު ކޮށްފައިވާއިރު، އެޓީމުން އެންމެފަހުން ސެމީއެއް ކުޅެފައި ވަނީ މީގެ 39 އަހަރު ކުރިންނެވެ. ލެސްޓާއިން 1982 ވަނަ އަހަރު ޓޮޓެންހަމްއާ ދެކޮޅަށް ސެމީގައި ކުޅެ، އެޓީމު ބަލިވެފައިވާއިރު، މިހާތަނަށް އެފްއޭ ކަޕްގެ ފައިނަލެއް ކުޅެފައެއް ނުވެއެވެ.
ރޭގެ މެޗުގައި ލެސްޓާގެ ކެލެޗީ އިލަނާޗޯ ދެ ގޯލް ޖަހައިދީފައިވާއިރު، އޭނާ ވަނީ މިހާތަނަށް ކުޅުނު ނުވަ މެޗުން ނުވަ ގޯލް ހަމަ ކޮށްފައެވެ. ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ މޭސަން ގްރީންވުޑް ގޯލެއް ޖަހައި އުންމީދު އާކޮށްދިން ނަމަވެސް، ޔޫރީ ތީލަމަންސް ޖެހި ގޯލާއެކު ލެސްޓާއިން މޮޅު ޔަގީން ކުރިއެވެ.
މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި އޮތް ޗެލްސީން ޝެފީލްޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-0ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފްގައި ޗެލްސީން ފަސޭހަ ކަމާއެކު މެޗު ކޮންޓްރޯލްކޮށް، ލީޑު ނެގިއެވެ. ބެން ޗިލްވެލް ކުރިއަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޝެފީލްޑްގެ ޑިފެންޑަރު ނޯވުޑްގެ ގައިގައި ޖެހިފައެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި ޝެފީލްޑުން ކުޅުން ރަނގަޅުކޮށް، ޗެލްސީއަށް ނުރައްކާ ކުރި ނަމަވެސް މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ހަކިމް ޒިޔަޗް ޖެހި ހިތްގައިމު ގޯލާއެކު އެޓީމުން ސެމީ ފައިނަލް ޔަގީންކުރިއެވެ. ޗެލްސީން ސެމީގައި ވަރުގަދަ މެންޗެސްޓާ ސިޓީއާ ކުރިމަތިލާން ޖެހޭއިރު، ލެސްޓާ ނުކުންނަން ޖެހޭނީ ސައުތުހެމްޓަންއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު