ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް (ސަލްޓަންސް) އަށް 1.1 މިލިއަން ރުފިޔާ ދެއްކުމަށް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މެރިން ކޮރަލް) ގެ މައްޗަށް ސިވިލް ކޯޓުން، ހުކުމް ކުރި މައްސަަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.
މި މައްސަަލައަކީ، ސަލްޓަންސް އާއި މެރިން ކޮރަލްސް އާ ދެމެދު 10 ސެޕްޓެންބަރު 2012 ގައި ކަނޑުގައި ދުއްވާ އުޅަނދެއް ކަމަށްވާ "ސަލްޓަންސް ކެރިޔާ" ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މެރިން ކޮރަލް އިން އަމަލުކޮށްފައިނުވާތީ، ސަލްޓަންސް އަށް އެކަމުގެ ސަބަބުން ލިބިފައިވާ ޖުމުލަ ގެއްލުން ކަމަށްވާ 1.1 މިލިޔަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އެދި ސަލްޓަންސްގެ ފަރާތުން ފުރަތަމަ ސިވިލްކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލަ ބަލައި 2016 ވަނަ އަަހަރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ، އެ ދެފަރާތުން ވެފައިވާ އެއްބަސްވުމާ މެރިން ކޮރަލް އިން ހިލާފު ވެ، މި މުއާމަލާތާ ގުޅިގެން މެރިން ކޮރަލް އިން 1.1 މިލިޔަން ރުފިޔާ ސަލްޓަންސް އަށް ދައްކަން ޖެހި ނުދައްކައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެ ފައިސާ 5 މެއި 2016 (ހުކުމް އިއްވި ދުވަސް) އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށް ޖެހޭ މިންވަރު އެ ކޯޓަށް ދައްކަމުންގޮސް، ތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ހަލާސްކުރުމަށް މެރިން ކޮރަލް ގެ މައްޗަށް ޣައިރު ހާޒިރުގައި އަންގައި ހުކުމްކުރާ ކަމަށެވެ.
ސިވިލްކޯޓުގެ އެ ހުކުމް މެރިން ކޮރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ، ސިވިލްކޯޓުން އެ ގަޒިއްޔާ ނިންމިއިރު، މެރިން ކޮރަލްގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ "ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާ އެއްގޮތަށް ކަމަށް ނުވާތީ، އެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފު ނިންމެވުމެއްކަމުގައި ކަނޑައަޅައި އެ ހުކުމް ބާތިލްކޮށް، އިސްތިއުނާފު ކޮށްފައިވާ މައްސަލަ ސިވިލް ކޯޓަށް ތަހުވީލްކޮށް އެމައްސަލަ ބައްލަވައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަން ޖެހޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލަ ހައިކޯޓުން ބެލުމަށްފަހު އިއްޔެ ކުރި ހުކުމްގައި ވަނީ، ސިވިލް ކޯޓުގެ އެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފު ނިންމުމެއް ކަމުގައި ކަނޑައަޅައި ސިވިލްކޯޓިގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ ދިވެހި ރާއްޖޭގެ ކޯޓު ތަކުގެ ގާނޫޏުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލްކޯޓަށް ތަހުވީލުކޮށް އެ މައްސަލަ އަލުން ބަލައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަން ޖެހޭ ކަމަށް ކަނޑައަޅައި މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު