މިދިޔަ 24 ގަޑިއިރު ތެރޭ 140 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 22،513 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 102 މީހަކާއި އަތޮޅުތެރެއިން 17 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 14 މީހަކާއި ސަފާރީތަކުން ހަ މީހެއް އަދި ރިސޯޓުތަކުގެ ގޮތުގައި ތަރައްގީކުރާ ރަށަކުން މީހެއް ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހަށްފަހު ރާއްޖޭގައި އެވްރެޖްކޮށް ދުވާލަކަށް 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ. އިއްޔެ އަދަދުތައް 100 އިން ދަށަށް ދިއުމަށްފަހު އަނެއްކާވެސް އަދަދުތައް މިވަނީ މައްޗަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 104 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 20،004 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2،436 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 95 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 66 މީހަކު ވަނީ މަރުވެފައެވެ. އެއީ 59 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.