މާލެ ސަރަހައްދުގެ ކެފޭ/ ރެސްޓޯރެންޓުތަކުން ހިދުމަތް ދިނުން ކުރިން ހުރި ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓްތައް ރޭގަނޑު 8:00 އިން ފެށިގެން ބަންދު ކުރަން އެޗްޕީއޭ އިން ކުރިން ވަނީ އަންގައިފަ އެވެ. ނަމަވެސް މިއަދު ވަނީ އެ މުއްދަތު ރޭގަނޑު 10:30އާ ހަމައަށް އިތުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކެފޭތައް ރޭގަނޑު 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހައްލެއް ލިބިދާނެ ކަމަށް އެ ވިޔަފާރި ހިންގާ ފަރާތްތަކުން ނުބުނާ ކަމަށެވެ.

"މިހާރު ބޭނުންވަނީ މުޅިން ދޫކޮށްލަން،" ކެފޭ ހުޅުވުން ކުރިން ހުރި ގޮތަށް ބަދަލުކުރަން ޖެހޭކަން ހާމަކޮށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ރޭގަނޑު 8:00 ގައި ކެފޭތައް ބަންދު ކުރަން ނިންމުމާ ގުޅިގެން، ކެފޭ އަދި ރެސްޓޯރެންޓުގެ ހިދުމަތްދޭ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް ވިޔަފާރިތައް ބަނގުރޫޓު ވަމުންދާ ކަމުގެ ޝަކުވާތައްވެސް ކޮށްފައިވެއެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަނާއި މޯލްޑިވްސް އީސްޓާސް ޔޫނިއަންގައި ބައިވެރިވާ ކެފޭތަކާއި ރެސްޓޯރެންޓްތައް 48 ގަޑިއިރަށް ބަންދުކޮށް، ހަޅުތާލަކަށް ދާން ވެސް ކުރިން ނިންމި އެވެ.

ކެފޭތަކަށް ގެއްލުން ވަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމެޓީއަށް، ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) މާދަމާ ހާޒިރު ކުރުމަށް ވަނީ ނިންމައިފަ އެވެ.