މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ކުރީގެ މުވައްޒަފެއް ކަމަށްވާ، މޫސާ ނަސީމް އެ ކުންފުނިން ހޯދަން ބޭނުންވެގެން ހުށަހެޅި މައުލޫމާތު އޭނާއަށް ދޫކުރުމަށް، އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ އެންވި މައްސަލަ އަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ލ.ގަން، މުކުރިމަގު، ނޫވިލާގެ މޫސާ ނަސީމް އެމްޑަބްލިއުއެސްސީގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި ހަވާލާދީ ފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އެދި 12 ފެބުރުވަރީ 2020 ގައި އެކުންފުންޏަށް ހުށަހަޅާފައިވާ މައްސަލައިގައި، 21 ދުވަސް ފާއިތުވީއިރުވެސް އެއްވެސް ޖަވާބެއް އެކުންފުނިން ދީފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާފައިވާ ނިންމުމެކެވެ.

މި މައްސަލައިގައި މޫސާ ނަސީމް ހޯދުމަށް އެދި ހުށަހަޅާފައިވާ މައުލޫމާތު އޭނާއަށް ދޫކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ އަންގައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އެގޮތަށް ނިންމެވުމާ ގުޅިގެން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އެމްޑަބްލިއުއެސްސީގެ ފަރާތުންނެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމްޑަބްލިއުއެސްސީން، ހައިކޯޓުގައި އިލްތިމާސް ކޮށްފައިވާ މައްސަލައަކީ އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހުތިސާސް ގާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައެއް ކަމަށްވާތީ، އެ މައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުގެ މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފިން ކަމަށެވެ.

މި މައްސަލ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރުން މުހައްމަދު ފައިސަލް އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.

ތިން ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ، ފަނޑިޔާރު މުހައްމަދު ނިޔާޒް އެވެ.