މެންޗެސްޓާ ސިޓީއަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި ރޭ އެވަޓަން ބަލިވީ ދުނިޔޭގެ އެއްވަނަ އަތުން ކަމަށް ކޯޗު ކާލޯ އެންސެލޯޓީ ބުނެފިއެވެ.

ސިޓީއާ ދެކޮޅަށް އެންސެލޯޓީގެ އެވަޓަން ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ 80 ވަނަ މިނެޓާ ހަމައަށް އެވަޓަން އިން ސިޓީ ހިފަހައްޓާފައިވީ ނަމަވެސް، ނިމެން ދަނިކޮށް ދެ ގޯލު ޖަހައި ސިޓީން އެވަޓަން ބަލިކުރިއެވެ. އިލްކޭ ގުންޑޮގަން އާއި ކެވިން ޑިބްރޭނާ ސިޓީގެ ގޯލުތައް ޖަހައިދީފައިވާއިރު، އެންމެފަހުން ތިން ސީޒަނުގައި ވެސް ސިޓީން ވަނީ އެފްއޭ ކަޕުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ތަޖުރިބާކާރު ކޯޗު އެންސެލޯޓީ ބުނެފައިވަނީ ރޭ ކުޅުނީ ދުނިޔޭގެ އެއްވަނަ ޓީމާ ދެކޮޅަށް ކަމަށާއި އެޓީމާ ދެކޮޅަށް 80 މިނެޓާ ހަމައަށް ހިފެހެއްޓުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި އެވަޓަން އިން 80 މިނެޓް ވަންދެން ހިފެހެއްޓީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު. އަހަރެންގެ ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ފަހުރުވެރިވޭ. ގިނަ ވަގުތުތަކެއް ވަންދެން ސިޓީއަށް ހަމަލާތައް އުފެއްދިޔަ ނުދީ، ސިޓީގެ ވަރުގަދަ ޓީމު ހިފަހައްޓާލުމަކީ އުނދަގޫވާނެ ކަމެއް،" އެންސެލޯޓީ ބުނެފައިވެއެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހަތަރު މުބާރާތް ނެގުމުގެ މިސްރާބުގައި ހުރިއިރު، މެޗަށްފަހު އޭނާ ބުނެފައިވަނީ ބަލިނުވެ ގިނަ މެޗުތަކެއް ކުޅެ، ފުލުފުލުގައި ގިނަ މެޗުތަކަކުން މޮޅުވުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އޭގެ ސަބަބުން ޓީމުގެ މެންޓާލިޓީ ރަނގަޅުވެ ނަތީޖާ ނެރެން ފަސޭހަވާ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.