ޚަބަރު

ކުޑަހުވަދޫ ކްލަސްޓާ: އަތޮޅުގެ އެހެން ރަށަކުން މިހާތަނަށް މީހަކު ޕޮޒިޓިވެއް ނުވޭ

ރިފާ ހަލީލު

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދ. ކުޑަހުވަދޫން އެހެން ރަށަކަށް ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ެޓެސްޓުގެ ނަތީޖާ ލިބުނު އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ނުވާ ކަމަށް ދ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ކުޑަހުވަދޫގައި އޮންނަ ދ. އެއާޕޯޓުގެ މުވައްޒަފުންތަކެއް ޕޮޒިޓިވް ވެ، އެ ރަށުގައި ބަލިފެތުރުމާ ގުޅިގެން، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ ރަށުން ފުރި މީހުން އަންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެދިފަ އެވެ. އަދި އެ މުއްދަތުގައި ކުޑަހުވަދޫއަށް ދަތުރުކޮށް 14 ދުވަސް ހަމަ ނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ކޮވިޑުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ދ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނީ މިހާތަނަށް އެ އަތޮޅުގެ ފަސް ރަށަކުން ކުޑަހުވަދޫ އަށް ދިޔަ ބަޔަކު ކޮވިޑަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިނުވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ކުޑަހުވަދޫގެ ކޭސްތަކާއި ގުޅިގެން އެ އަތޮޅު ބައެއް ރަށްތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ހޯމް ކަރަންޓީނު ކޮށްފަ އެވެ. އެގޮތުން އެ އަތޮޅު މާއެނބޫދޫން އެކަނިވެސް 216 މީހަކު ވަނީ ކަރަންޓީނު ކޮށްފަ އެވެ.

ދ. އެއާޕޯޓުގެ ހަ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެއާޕޯޓު އޮންނަ ކުޑަހުވަދޫން މިހާތަނަށް 260 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާ އިރު، އޭގެ ތެރެއިން 20 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އަދި ނަތީޖާ ނުލިބޭ ބައެއް ސާމްޕަލްތައް ހުރިއިރު އަނެއްބައި ސާމަޕްލަތައް ނަގައި މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކުޑަހުވަދޫ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.