ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގަތަރާއި ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން އަދި ފަސްޓު ލޭޑީ ފަޒްނާ އަހުމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް، ދެ ގައުމަކަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން މި ސަރުކާރުގައި އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާއި ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ.

ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ އެގައުމުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްޘާނީ އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ.

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ އެގައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިހް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފަ އެވެ. އަދި ބަންގްލަދޭޝްގެ ނޭޝަނަލް މާޓިއާޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތް ކުރެއްވި އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވަވައިފަ އެވެ. ރަސްމީ ވާހަކަތަކުގައި ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ތާރީހީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.