ޚަބަރު

ގަމު އެކްސިޑެންޓާ ގުޅޭ ތަހުގީގަށް އެކަށީގެންވާ މައުލޫމާތު ލިބިއްޖެ: ފުލުހުން

ރިފާ ހަލީލު

ލ. ގަމުގައި މިމަހު ހިނގި އެކްސިޑެންޓުގެ ތަހުގީގަށް އެކަށިގެންވާ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގި އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނީ ދެ އަންހެނަކަށެވެ. ނަމަވެސް އޭގެ ތެރެއިން އުމުރުން 55 އަހަރުގެ އަންހެން މީހާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ރޭގެ ވަގުތެއްގައި އޭނާ ވަނީ މަރުވެފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ އެ އެކްސިޑެންޓުގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ތަހުގީގަށް އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

މަރުވި އަންހެން މީހާގެ އާއިލާގެ ފަރާތުން ނަން ނުޖެހުމަށް ޝަރުތުކޮށް މީގެ ކުރިން "ވަން" އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓުގައި އަންހެން މީހާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބި ސިކުނޑިއަށް ލޭއެޅުނު ކަމަށެވެ.

މި އެކްސިޑެންޓު ހިނގީ އެ އަންހެން މީހާ އޭނާގެ ފިރިމީހާއާއެކު ސައިކަލުގައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ފިރިހެން މީހާ އާއި އިތުރު އަންހެނަކަށް އަނިޔާވި އެވެ. ނަމަވެސް އެ މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.