ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުން މިނިވަން ކުރަން އަންނަ މަހުގެ ދިހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި "ރުކަށް" ވޯޓު ދޭން ޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި އއ. ރަސްދޫ "މީ މަގޭ ރާއްޖެ" ކެމްޕޭނުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް މިފަހަރުގެ އިންތިހާބު މުހިންމުވަނީ ކީއްވެގެންތޯ ވިސްނާލަން ޖެހޭ ކަމަށާއި ރާއްޖޭގެ ގިނަ ހިސާބުތަކުން ގިނަ ވޯޓުތަކެއް ލިބިއްޖެ ކަމަށް ވާނަމަ، އެ ދެވެނީ ރައީސް ޔާމީން މިނިވަންކުރަން ދެވޭ ވޯޓެއް ކަމަށެވެ.
"ރައްޔިތުން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ރާއްޖޭގެ މިއަދު ވީރާނާވެގެންދާ އިގުތިސާދު ނެގެހެއްޓުމަށްޓަކައި އަލުން އެނބުރި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް، ރައީސް ޔާމީން މިނިވަންކުރަން ދެވޭ ވޯޓެއްގެ ގޮތުގައި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ހުރިހާ ބޭފުޅުން ރުކަށް ވޯޓު ދެއްވުމަށް. އޭރުން އަޅުގަނޑުމެންނަށް ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި މިކުރެވޭ މަސައްކަތް އިތުރުވެގެންދާނީ،" އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އެ އޮންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެހެންވީމާ ރައީސް ޔާމީންގެ ހައްގުގައި ކެމްޕޭން ކޮށްދޭން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ހުރިހާ ރައްޔިތުން ނުކުމެ އަވަހަށް ވޯޓުދީ، ވޯޓު ފޮށިތައް ރުކަށް ފުރާލަދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
"އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލޯކަލް ކައުންސިލް އިންތިހާބުގައި ހީނުކުރާ ވަރުގެ ކާމިޔާބެއް ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ވެސް އޮތީ މި ސަރުކާރަށް ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބު އަނެއްކާވެސް އެމްޑީޕީއަށް ދީފި ކަމަށް ވާނަމަ، ރައްޔިތުންނަކީ އެއްވެސް އަގެއް ހުރި ބަޔަކަށް މި ސަރުކާރުން ނުހަދާނެ ކަމަށެވެ.
"މިއަދު މި ސަރުކާރުން ރައްޔިތުންނަށް ދެމުންދަނީ ފެނު ކެއްކި ބޮލީގެ އިއްޒަތް. ވޯޓު ކައިރިވީމަ، ރައްޔިތުންނަކީ ކޮން ބައެއްކަން ދަނެގެން މަސައްކަތްކުރަނީ. އެހެންނަމަވެސް އިންތިހާބު ނިމުމާ އެކީގައި ދެން ރައްޔިތުން ވީ ކޮން ހިސާބެއްގައި ކަމެއް، ކިހިނެއް ކަމެއް މި ސަރުކާރަކަށް ހަނދާނެއް ނުހުރޭ. މީގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގައި އިންތިހާބުތައް ކާމިޔާބުކުރަން މަސައްކަތްކޮށްދެއްވި ގިނަ ބޭފުޅުން މިއަދު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި،" އޭނާ ވިދާޅުވިއެވެ.
މަނީލޯންޑާ ކުރި މައްސަލަ ސާބިތުވެގެން ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު