މެދުކެނޑުމެއްނެތި ރާއްޖެއަށް ޓެލެކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިންގިލާބީ ހިދުމަތްތައް ތައާރަފުކުރަމުން އަންނަ އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެންމެ ފުރަތަމަ ޑޭޓާ ސެންޓަރު ތައާރަފުކޮށްފިއެވެ.

އުރީދޫގެ ޑޭޓާ ސެންޓަރު ހުޅުވާފައިވަނީ އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އުރީދޫން ބުނީ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު (އޯއެމްޑީސީ) އަކީ ކުންފުނިތަކުގެ ޑިޖިޓަލް ހިދުމަތް ދިނުމުގައި ހިދުމަތްތަކުގެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ ވަރުގަދަ އިންޓަނެޓް ކަނެކްޝަން، ސްޓޯރޭޖް އަދި ކުންފުނިތަކުގެ މުހިންމު ޑޭޓާތަކަށް އިތުބާރާއެކު ރައްކާތެރިކަން ފޯރުކޮށްދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ސެންޓަރެއް ކަމަށެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ ހުޅުމާލޭގައި ގާއިމުކުރެވިފައިވާ މި ޑޭޓާ ސެންޓަރުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި، ސަރުކާރު އިދާރާތަކަށް އަދި ޓުއަރިޒަމް ދާއިރާގެ ހިދުމަތްތައް ފުޅާކޮށް އައު އިޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފުކޮށް ދާއިރާތައް ކުރިއެރުވުމުގައި އެތައް ގުނައަކުން ފަސޭހަވެގެންދާނެ ކަމަށް އުރޫދީން މައުލޫމާތުދެއެވެ.

ބާރު ސްޕީޑުގައި މުޅި ދުނިޔެ ދެކެމުން އަންނަ ޑިޖިޓަލް ކުރިއެރުންތަކާއެކު، ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހަމައެއާއެކު، ކުދި ބޮޑު ހުރިހާ ވިޔަފާރިތަކެއްގެ ހިދުމަތްތައްވެސް އަންނަނީ ޑިޖިޓަލްކުރެވެމުންނެވެ. އެހެންކަމުން ވިޔަފާރިތައް ފުޅާވަމުން އަންނަ ވަރަކަށް އިންޓަނެޓަށް ބަރޯސާވާވަރު އިތުރުވެ، އައިޓީ އިންފްރާސްޓަރަކްޗާ އަދި ޑޭޓާ ސެކިއުރިޓީ ވަނީ ވަރުގަދަކުރަން ޖެހިފައެވެ. ނަމަވެސް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ބޮޑެތި ކުންފުނިތަކުގެ އޮޕަރޭޝަނަށް ބޭނުންވާ މިފަދަ ޑޭޓާ ސެންޓަރެއް އަމިއްލައަށް ގާއިމުކޮށް ބެލެހެއްޓުމަކީ ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމެކެވެ. އެހެންކަމުން ދުނިޔޭގެ ޑޭޓާ ސެންޓަރުތައް އަންނަނީ ވިޔަފާރިތަކުގެ ޑޭޓާ ސާވާތައް ރައްކާތެރިކަމާއި އިތުބާރާއެކު ހޮސްޓުކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ ރާއްޖޭގައި މުޅިން އަލަށް މި ގާއިމުކުރެވުނު ޑޭޓޭ ސެންޓަރާއެކު މިއީ އުރީދޫ މޯލްޑިވްސްގެ ތާރީހުގައި ފަވާލެވޭ ކުލަގަދަ ދުވަހެއް ކަމަށާއި ދުނިޔެއަށް ހުޅުވާލެވޭ މިފަދަ ޑޭޓާ ސެންޓަރުތަކުގެ ހިދުމަތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެ، ބޭނުންކުރާ އަދަދުވެސް އިތުރުވެގެންދާނެ ކަމަށެވެ.

"ޑޭޓާ ސެންޓަރުތަކުން ދެވޭ ހިދުމަތްތަކަކީ ވިޔަފާރިތަކާއި ކުންފުނިތަކުގެ ކުރިއެރުމަށް އިންތިހާއަށް މިއަދު ބޭނުންވެފައިވާ ހިދުމަތަކަށްވީއިރު، ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމުވުމާއެކު ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން ސަރަހައްދީ ވިޔަފާރިތަކަށްވެސް، ވިޔަފާރިތަކުގެ ޑޭޓާ ރާއްޖޭގައި ހޮސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ. މެދުކެނޑުމެއްނެތި އިންޓަނެޓުގެ ހިދުމަތާއެކު ރާއްޖެއިން ބޭރުގެ ސާވާތަކުގައި ހޮސްޓްކުރުމުން ދިމާވާ ދަތިތަކުން އަރައިގަނެވި އެތަކެއް ފުރުސަތުތަކެއް ވިޔަފާރިތަކަށް ހުޅުވިގެންދާނެ. ޓެކްނޮލޮޖީގެ ދާއިރާއިން މި އެޅުނު މުހިންމު ބިންގަލާއެކު، އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެއަކީ މި ސަރަހައްދުގެ ޓެކްނޮލޮޖީގެ ވަރުގަދަ ހަބަކަށް ވެގެންދިއުން،" އޭނާ ވިދާޅުވިއެވެ.

އޯއެމްޑީސީ އަކީ ޓިއަރ-3 ސެޓިފިކޭޝަން ރެޑީ، ފުޅާ ދާއިރާއެއްގެ ހިދުމަތްތަކެއް ލިބިގެންދާނެ ސެންޓަރެކެވެ. މި ސެންޓަރު ގާއިމުކުރެވިފައިވަނީ ތަނަވަސް ސްޓޯރޭޖް ކެޕޭސިޓީއަކާއެކު 7/24 މަސައްކަތް ކުރާ ހައި ސެކިއުރިޓީ ސިސްޓަމް، ފިނި ހޫނުމިން ބެލެހެއްޓޭ ސިސްޓަމްތަކާއި، ވަރުގަދަ ޕަވާ ބެކަޕަކާއެކު ގާއިމުކުރެވިފައިވާ ސެންޓަރެކެވެ.

އުރީދޫން ބުނީ މި އިމާރާތް ބިނާކޮށްފައިވަނީ ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލައި ރައްކާތެރިވުމަށް އަޅަންޖެހޭ ވަރުގަދަ ފިޔަވަޅުތަކާއެކު ކަމަށާއި މީޑިއަމް އެންޑް ހައި ޑެންސިޓީ ރެކްސްޕޭސް އާއެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޭޓާ ހޮސްޓު ކުރެވޭނެ ކަމަށެވެ.

  • ޑޭޓާ ކޯލޮކޭޝަން
  • o ފުލް ރެކް ނުވަތަ ޝެއާޑް ރެކް ސްޕޭސް
  • o ރޭޓަޑް ޕަވަރ އެންޑް ކޫލިންގް
  • o ރިމޯޓް ހޭންޑްސް ސަޕޯޓް
  • ޑޭޓާ ސެންޓަރު މެނޭޖްޑް ހޮސްޓިން
  • ޑެޑިކޭޓަޑް ޔުޓިލިޓީ ހޮސްޓިން
  • ޑިޒާސްޓާ ރިކަވަރީ އެންޑް ބެކަޕް
  • މެނޭޖްޑް އިންފްރާސްޓްރަކްޗަރ މޮނިޓަރިން

އުރީދޫން ބުނީ މި ޑޭޓާ ސެންޓަރު ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް އެންމެ ރައްކާތެރިކަމާއެކު ޑޭޓާ ސްޓޯ ކުރުމާއި ލިބިގަތުމުގެ ފަސޭހަ މާހައުލަކާ އެކު ކަމަށާއި އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުން ފަދަ ކާރިސާތަކުން ގެއްލުންތައް ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކާއެކު ޑީސަލް ޕަވާ ޖެނެރޭޓަރުތައްވެސް މި ސެންޓަރުގައި ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި ކަރަންޓުގެ ކުއްލި ހާލަތެއް ދިމާވި ކަމުގައި ވިޔަސް ސެންޓަރުގެ ޕަވާ ބެކަޕް މެދުވެރިކޮށް 14 ދުވަހު ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން ގާއިމުކުރި މި ސެންޓަރުގައި ކުންފުނިތަކަށް ހާއްސަ އުރީދޫގެ ހިދުމަތްތައް ތަޖުރިބާކޮށް ބަލައިލުމަށް ޑެމޯ ރޫމްއެއް ގާއިމުކުރެވިފައި ހުރިކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

އުރީދޫ މޯލްޑިވްސްއަކީ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ ހިދުމަތްތައް ރާއްޖެއަށް ތައާރަފުކޮށް އިޖާދީ އާ ކަންތައްތަކާއި އާ ފުރުސަތުތައް ދިވެހިންނާ ގުޅުވައިލަދިނުމުގައި އެންމެ ކުރީ ސަފުގައި ފާހަގަކުރެވޭ ކުންފުންޏެކެވެ. މިއަދު ދުނިޔޭގެ ފެންވަރުގައި މި ހުޅުވުނު ޑޭޓާ ސެންޓަރާއެކު ރާއްޖޭގެ ޑިޖިޓަލް އީކޯސިސްޓަމް ވަރުގަދަވެ، މި ސަރަހައްދުގެ ޑޭޓާ ރައްކާކުރެވޭ ވަރުގަދަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ރާއްޖެ ހިމެނިގެންދާނެއެވެ. ހަމައެއާއެކު ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީވެސް ކުރިއަރައިގެންދާނެއެވެ.