ދ. ކުޑަހުވަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18 އަށް އަރައިފި އެވެ.

ކުޑަހުވަދޫގައި އޮންނަ ދ. އެއާޕޯޓުގެ ހަ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ދ. އަތޮޅު ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު މުނީރު "ވަން" އަށް ވިދާޅުވީ އެ ރަށުން މިހާތަނަށް 260 ސާމްޕަލް ނަގާފައިވާ އިރު، އޭގެ ތެރެއިން 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ނަތީޖާ ނުލިބޭ ބައެއް ސާމްޕަލްތައް ހުރިއިރު އަނެއްބައި ސާމަޕްލަތައް ނަގައި މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާމް "ވަން" އަށް ވިދާޅުވީ، އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސުކޫލްގައި ތައުލީމު ހާސިލުކުރަމުން އަންނަ ކުއްޖެއްގެ އިތުރުން އިތުރު ކުޑަ ކުއްޖެއް ވެސް ހިމެނޭ ކަމަށެވެ.

ކުޑަހުވަދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް އިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ ރަށުން ފުރި މީހުން އަންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެދިފަ އެވެ. އަދި އެ މުއްދަތުގައި ކުޑަހުވަދޫން ދަތުރުކޮށް 14 ދުވަސް ހަމަނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން މިދިޔަ މަހުގެ 26ގެ ފަހުން ކުޑަހުވަދޫން މާލެ އައިސްފައިވާ މީހުން ވެސް މާލެ ހިޔާ ފުލޫ ކުލިނިކާއި ހުޅުމާލޭ ފުލޫ ކުލިނިކް އަދި ވިލިމާލޭ ފުލޫ ކުލިނިކުން ސާމްޕަލް ނެގުމަށާއި އަދި 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.