މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 240،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 243،979 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ މަހުގެ ތެރޭގައެވެ. މިދިޔަ މަހު ރާއްޖެއަށް 96،882 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ޖެނުއަރީ މަހު 92،103 ފަތުރުވެރިން ޒިޔާރަތްކުރި އިރު، މިމަހުގެ މިހާތަނަށް ޒިޔާރަތްކުރީ 54،994 ފަތުރުވެރިންނެވެ.
މިމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 3،235 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު ދަށް އަދަދެކެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު 3،460 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިދިޔަ މަހެކޭ އެއްގޮތަށް މިމަހު ވެސް ފަތުރުވެރިން ރާއްޖޭގައި 8.8 ދުވަސް ހޭދަކުރެއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާ އިންނެވެ. އިންޑިއާ އިން މިއަހަރުގެ މިހާތަނަށް 57،965 ފަތުރުވެރިން ޒިޔާރަތްކުރި އިރު، ދެވަނައިގައި އޮތް ރަޝިއާ އިން 52،902 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ލިސްޓުގެ ކުރީގައި ދެން ހިމެނެނީ ޔޫކްރޭނާއި ކަޒަކިސްތާނާއި ޖަރުމަނެވެ. އެގައުމުތަކުން މިއަހަރު 10،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރުތައް ހުޅުވީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާ އިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު