ލ. ގަމުގައި މިމަހުގެ 14 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ.
އޭނާ މަރުވެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނީ ދެ އަންހެނަކަށެވެ. މި ދެ މީހުންގެ ތެރެއިން ބޮޑެތި އަނިޔާތަކެއް ލިބި ހާލު ބޮޑުވީ، ގަމު، ވެލަބުލިއާގެ، ފާތިމަތު މަނިކެ، (55އ) އެވެ.
އާއިލާއިން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދެމުން އިއްޔެ ބުނީ އެ އަންހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާތީ ޑޮކްޓަރުންވެސް އިތުރު އެއްޗެއް ވިދާޅު ނުވާ ކަމަށެވެ.
އޭނާ ބުނީ މި އެކްސިޑެންޓް ހިނގީ އެ އަންހެން މީހާ އޭނާގެ ފިރިމީހާއާ އެކު ސައިކަލުގައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓު ވި އަނެއް ސައިކަލުގައި އިން އަންހެން މީހާއަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.
މަރުވި ފާތިމަތު މަނިކެ އަކީ މިހާރު ގަމު ކައުންސިލް މެންބަރު، އަދި ކުރީ ދިޓީވީ ގެ ޕްރެސެންޓަރު، މުހައްމަދު ސުނިލްގެ މަންމަ އެވެ.
ފާތިމަތު މަނިކެ ގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދު ހުކުރު ނަމާދަށްފަހު މާލޭ އާ ސަހަރާ މިސްކިތުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު