ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރި އުތުރުތިލަފަޅު (ޔޫޓީއެފް)ގެ އެއްބަސްވުމާ ގުޅިގެން އެމްއެންޑީއެފްގެ އިސްވެރިންނަށް ތުހުމަތުކޮށް އަމިއްލަ މީހަކު ހުށަހެޅި މައްސަލަ ނުބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.
އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ބޭތިއްބުމަށް އެއްބަސްވުމުގައިވާ ކަމަށް ބުނާ ލިޔުންތަކެއް ސޯޝަލް މީޑިއާގަ އާއި ބައެއް މީޑިއާތަކުގައި ދައުރު ކުރަމުން އަންނައިރު، އެ އެއްބަސްވުމުގައި ސިފައިންގެ އިސްވެރިންތަކެއް 20 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން އެމްއެންޑީއެފުގެ އިސްވެރިންނަށް އެ ތުހުމަތުކޮށް އަމިއްލަ މީހަކު އޭސީސީއަށް މައްސަލައެއް ހުށަހަޅާފައިވަނީ މިއަދު އެވެ.
އޭސީސީގެ މީޑީއާ އޮފިޝަލް ހަސަން މަނިކު މިރޭ "ވަން" އަށް ވިދާޅުވީ މައްސަލަ ނުބަލަން ނިންމީ އެ މައްސަލަ ކޮމިޝަންގެ މެންބަރުން ރިވިއު ކުރުމަށްފަހު އެ މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިނުވާތީ ކަމަށެވެ. އަދި އެ ޝަކުވާގައި އެއީ ކޮރަޕްޝަންގެ މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމެއް ކަމަށް ބަޔާންކޮށްފައި ނެތުމުން އެ މައްސަލަ ނުބަލަން ކޮމިޝަނުން މިއަދު ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވަނީ އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ސިފައިން، 20 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ބުނާ ވާހަކަތައް ބެލުމަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ވާހަކަތަކަކީ ވަރަށް ދެރަވަރުގެ ވާހަކަތަކެއް ކަމަށާއި އެއީ އަމިއްލަ ސިޔާސީ ބޭނުމެއް ހާސިލު ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު