މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގެކޮޅަށް ބަދަލު ކޮށްދެއްވުމަށް ހޯމް މިނިސްޓްރީގައި އެދިއްޖެ އެވެ.

ހޯމް މިނިސްޓްރީން ބުނީ، ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުން އެދި އާއިލާގެ ފަރާތްޕުޅުން އެދިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހޯމް މިނިސްޓްރީން ދީފައެއް ނުވެ އެވެ.

މަނީލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތްތައް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.

އެމައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، ރައީސް ޔާމީން ވަނީ އެދައުވާތަކަށް އިންކާރުކުރައްވައިފައެވެ.