ހަތް އަހަރަށްފަހު ޗެލްސީން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ދެ ލެގުންވެސް ކުރި ހޯދައި، އެގްރިގޭޓް 3-0ގެ ނަތީޖާއަކުން ޗެލްސީ ކުއާޓާއަށް ދަތުރު ކޮށްފައިވާއިރު، އެޓީމުން އެންމެ ފަހުން ކުއާޓާއަށް ގޮސްފައި ވަނީ 2013-14 ވަނަ އަހަރުގެ ސީޒަންގައެވެ. އޭރު ޗެލްސީ ކޯޗަކީ ހޯޒޭ މޮރީނިއޯއެވެ.
ފުރަތަމަ ކުޅުނު އަވޭ ލެގު 1-0 އިން ޗެލްސީން ކާމިޔާބުކޮށް، ރޭގެ މެޗަށް ނުކުތީވެސް އުންމީދާ އެކުގައެވެ. ޗެލްސީން ވަނީ ރޭގެ މެޗުގައި ހުރިހާ ގޮތަކުންވެސް އެތުލެޓިކޯއަށްވުރެ ރަނގަޅަށް ކުޅެ، 2-0 އިން މެޗު ކާމިޔާބުވެސް ކޮށްފައެވެ. ޗެލްސީގެ ގޯލްތައް ޖަހައިދިނީ މޮރޮކޯގެ ހަކިމް ޒިޔެޗާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، އެމަސަން ޕަލްމިއެރީއެވެ.
މެޗުގެ ފުރަތަމަ ކޮޅުގައިވެސް ކައި ހަވާޓްސް އާއި ޓީމޯ ވާނާއަށް ފުރުސަތުތައް ލިބި ބޭކާރު ވެގެން ގޮސްފައިވާއިރު، އަނެއްކޮޅުން އެތުލެޓިކޯވެސް ވަނީ ފުރަތަމަ ހާފްގައި ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. ހާއްސަކޮށް އަޒްޕިލިކުއެޓާ ހެދި ގޯހަކުން ކަރެސްކޯއަށް ފަހިވި ފުރުސަތު ފާހަގެވެގެން ދިޔައެވެ. އެ ފުރުސަތުގައި އޭރިއާ ތެރެއިން އަޒްޕިލިކުއެޓާ ކަރެސްކޯއަށް ފައުލްކޮށް ވައްޓާލި ކަމަށް ބުނެ އެތުލެޓިކޯ ބެންޗުންނާއި ކުޅުންތެރިން ވަނީ ޝަކުވާވެސް ކޮށްފައެވެ.
ހާފް ނިމުމުގެ ކުރިން ޗެލްސީން ވަނީ ލީޑު ނަގާފައެވެ. ކައި ހަވާޓްސް ދުއްވާލި ތުރޫ ބޯޅައަކަށް ވާނާގެ ބާރު ދުވެލީގައި މަސައްކަތް ކޮށް، ހުރަސްކޮށްލި ބޯޅަ މަޑު މަޑުން ގޯލަށް ވައްދާލީ ޒިޔެޗެވެ. ދެވަނަ ހާފަށް ގޯލަކާއެކު ނުކުމެ، ޗެލްސީން އިތުރަށް ކުޅުން ރަނގަޅު ކުރިއެވެ. ހަމަލާތައްވެސް އުފެއްދިއެވެ. އެހެން ނަމަވެސް ދެވަނަ ގޯލް ފެނިގެން ދިޔައީ މެޗުގެ ފަހު ވަގުތުގައި ކަހަލަ ގޮތަކަށެވެ.
ރޭގެ މެޗުގައި އެތުލެޓިކޯގެ ޑިފެންޑަރު ސްޓިފަން ސަވިޗަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެ ރަތް ކާޑަކީ ނިމެން 10 ވަރަކަށް ވެފައި ވަނިކޮށް، ސަވިޗް ރުޑިގާގެ މޭ މަތީގައި އުޅަނބޮށިން ޖެހުމުން ރެފްރީ ދެއްކި ރަތް ކާޑެކެވެ.
ތޯމަސް ޓުޗެލް ޗެލްސީއާ ހަވާލުވި ފަހުން އެޓީމުން ކުޅުނު 13 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. ރޭގެ މެޗުގައި ކްލީން ޝީޓް ދަމަހައްޓާފައިވާއިރު، އެއީ އެ 13 މެޗުގެ ތެރެއިން ކްލީންޝީޓް ދެމެހެއްޓި 11 ވަނަ މެޗެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރުކުރި ޓީމުތައް ޔަގީންވެފައިވާއިރު، ގުރު ނެގުން އޮންނާނީ މާދަމާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު