ދައުލަތަށް ގެންލުންވާ ގޮތަށް އެސްޓީއޯ އަށް 2016 ވަނަ އަހަރު ބޭސް އެތެރެކޮށްފައިވާކަމުގެ ކުށުގައި އެ ކުންފުނީގެ ދެ މުވައްޒަފަކަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އޭސީސީން ބުނީ، އެސްޓީއޯ އިން 27 މޭ 2016 ގައި އިމްޕޯޓް ކުރި އެޓޮކޯ ބޭހުގެ ބޮޑު ބައެއް 2018 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާއިރު، އެ ކުންފުނިން އެ ބޭހުގެ އިތުރު ބެޗެއް ޑިސެންބަރު 2018 ގައި އޯޑަރު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ތަހުގީގުކޮށް ނިންމައި، މިއަދު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ އެސްޓީއޯގެ މެޑިކަލް ސާވިސް ޑިޕާޓްމަންޓުގެ ހެޑް ގުލްޒާރުގެ / ސ. ހިތަދޫ، ހުސައިން ސޮބާހު އާއި އެ ޑިޕާޓްމަންޓުގެ ޕްލޭނިން މެނޭޖަރު ޖިއްދާ / ޏ. ފުވައްމުލަކު ހަމްދޫން ފާއިޒެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނީ އެސްޓީއޯ އިން އެޓޮކޯގެ 40 މިލި ގުރާމު އަލަށް ރާއްޖެ ގެނައުމަށް، ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015 ގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ބޭހުގެ 40 މިލި ގުރާމަކީ އޭގެ ކުރިން ގެނެސްފައިނުވާ އެ ބޭހުގެ އާ ޑޯސޭޖެއް ކަމަށްވާއިރު، ރާއްޖޭގެ މާކެޓުގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގެން ނެތް ކަމަށެވެ.

"ހަމައެހެންމެ އެ ބޭހަކީ ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހިގެން ގެންނަ ބަލި މީހުންނަށް ހައި ޑޯސޭޖެއް ދިނުމުގެ ގޮތުން ދޭ ޑޯސޭޖެއް ކަމަށާއި އާންމުކޮށް ބަލި މީހުންނަށް ލިޔެދެނީ 10 މގ. އަދި 20 މގ. ކަމަށްވާތީ 40 މގ. ދޭންޖެހޭ މީހުން ނިސްބަތުން މަދުވާނެ ކަމަށް ތަހުގީގަށް ބަޔާންދިން ޑޮކްޓަރުން ބުނެފައިވާ ކަމާއި އެއީ އާންމުކޮށް ގިނަ ދުވަހަށް ގަވާއިދުން ބަލީ މީހުން ބޭނުން ކުރުމަށް ޑޮކްޓަރުން ލިޔެ ދޭ ޑޯސޭޖެއް ނޫންކަން ތަހުގީގަށް ވަނީ އެނގިފަ،" އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓުގައި އެސްޓީއޯ އިން އެޓޮކޯގެ 40 މިލި ގްރާމަށް ފޯކާސްޓު ކޮށްފައިވާ އަދަދަށްވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައިވާ ކަމަށާއި އެގޮތުން އެސްޓީއޯ އިން 2016 ގައި 560,000 ގުޅަ އޯޑަރުކޮށް ލިބުނު ބޭހަށް 2.93 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

"އެގްރީމަންޓުގައި ފޯކާސްޓު ކޮށްފައިވާ އަދަދާއި މެޑިކަލް ސާވިސް ޑިޕާޓްމަންޓުން ފޯކާސްޓު ކޮށްފައިވާ އަދަދަށްވުރެ ގިނައިން 2016 ވަނަ އަހަރު އެ ބޭސް ގެނެސްފައިވާކަން އެނގެއެވެ. ހަމައެހެންމެ އެއީ، އޭރު އެސްޓީއޯ އިން އާންމުކޮށް، ގަންނަމުން ދިޔަ އެޓޮވަސްޓެޓިންގެ އެހެން ބްރޭންޑެއް ކަމަށްވާ އެޓޮރިންގެ 20 މގ. ގެނައި އެވަރެޖް އަދަދަށްވުރެ ގިނަ އަދަދެއްކަން ވެސް އެނގޭ،" އޭސީސީން ބުންޏެވެ.

އެސްޓީއޯގެ މާކެޓިންގެ ބޭނުމަށް ކަމަށް ބުނެ 2016 ވަނަ އަހަރު އެތެރެ ކޮށްފައިވާ އެޓޮކޯ 40 މިލި ގުރާމުގެ ގިނަ އަދަދެއްގެ ބޭސް ރިޒާވްކޮށްފައިވާއިރު، އެ ބެޗުގެ ބޮޑު ބައެއް ނުވިކި އެސްޓީއޯ އަށް 2.79 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.