ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑު ކަޕުގައި އީރާން ގައުމީ ޓީމުގެ ފަހަތަށް ކުޅުނު ޑިފެންޑަރު މެހެރްދާދް ޕުލާދީ ރާއްޖޭގެ ވެލެންސިއާ ގުޅިއްޖެއެވެ.

އުމުރުން 34 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ޕޫލާދީ ވެލެންސިއާއާ ގުޅުނީ ސީޒަންގެ ނިޔަލަށެވެ. ޕޫލާދީ ވޯލްޑު ކަޕަށް ދިއުމާ ހަމައަށް އޭނާގެ ޕީކުގައި ކުޅެފައިވަނީ އީރާން ފުރަތަމަ ޑިވިޝަން ކަމަށްވާ އީރާން ޕްރޯ ލީގުގެ ކުލަބުތަކަށެވެ. އޭގެ ފަހުން ގަތަރުގެ އެންމެ މަތީ ފަންތީގައި އަލް-ޝަހާނިއާއެކު ވެސް ޕޫލާދީ ކުޅެފައިވާއިރު، އޭގެ ފަހުން އޭނާ ވަނީ ތައިލެންޑު ފުރަތަމަ ޑިވިޝަނުގައި ބެންކޮކް ޔުނައިޓެޑުން ވެސް ފެނިފަ އެވެ.

އީރާނާއަކީ އޭޝިއާ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. އެގައުމުގެ ގައުމީ ޓީމާއެކު 2015 ވަނަ އަހަރުގެ އޭޝިއަން ކަޕު ވެސް ޕޫލާދީ ކުޅެފައިވާއިރު، އޭނާ ވަނީ 2011 އިން 2015 އަށް ގައުމީ ޓީމަށް 28 މެޗު ކުޅެފައެވެ. ޕޫލާދީ ވަނީ ގައުމީ ޓީމުގައި މަޝްހޫރު ކޯޗު ކާލޯސް ކުއެރޯޒްގެ ކޯޗުކަމުގެ ދަށުގައި ކުޅެފައެވެ. ކުއެރޯޒްއަކީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑުގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

2014 ވަނަ އަހަރުގެ ވޯލްޑު ކަޕުގެ ގުރޫޕު ސްޓޭޖުގައި އީރާނުން އާޖެންޓީނާ އާއި ބޮސްނިއާ އަދި ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ޕޫލާދީ ކުޅެފައިވެއެވެ. ޚާއްސަކޮށް އާޖެންޓީނާ މެޗުގައި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ލިއޮނަލް މެސީއާ ދެކޮޅަށް ވެސް ޕޫލާދީ ވަނީ ކުޅެފަ އެވެ.

އަހަރެއްގެ މެދުކެނޑުމަކަށްފަހު މިއަހަރު އަނެއްކާ ވެސް ފުރަތަމަ ޑިވިޝަނަށް ވެލެންސިއާ އެނބުރި އައިސް ފެންނަނީ ވަރުގަދަ ކޮށެވެ. އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެ ކުލަބަށް ކުޅެމުންދާއިރު، މި ޓްރާންސްފާ ސީޒަނުގައި ވެސް އިތުރު ބިދޭސީ ކުޅުންތެރިން ވަނީ އެ ކުލަބަށް ގެނެސްފައެވެ.

ސްޕެއިންގެ ގިނަ ކުލަބުތަކާއި ފިންލެންޑު ފުރަތަމަ ޑިވިޝަން ކުލަބަށް ވެސް ކުޅެފައިވާ އެޓޭކިން މިޑްފީލްޑަރު ބޯހަސް މާޓިންގެ އިތުރުން އެ ކުލަބަށް ގެނެސްފައިވަނީ ކުރިން ޔޫވީއަށް ކުޅުނު ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ފޯވާޑް ސެމިއުލް ކޯޑެލްއެވެ.