ސްޕެއިންގެ ފުރަތަމަ ޑިވިޝަންގައި އޮތް ރެއާލް ބެޓިސްގެ ބީ ޓީމާއެކު ސްޕެނިޝް ދެވަނަ ޑިވިޝަންގެ އިތުރުން ބެޓިސްގެ ޒުވާން ޓީމަށް ކުޅެފައިވާ ޑިފެންޑަރު ޖީސަސް ޕޯޒޯ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއި ކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ޕޯޒޯ ސޮއިކުރިކަން މާޒިޔާއިން މިއަދު އިއުލާން ކޮށްފައިވާއިރު، އެޓީމުން ސްކޮޑު ވަރުގަދަ ކުރަމުން އަންނަނީ ކުރިއަށް އޮތް އޭއެފްސީ ގްރޫޕް ސްޓޭޖު މެޗުތަކަށެވެ. ޓީމުގައި ސީޒަން ފެށިއިރު ތިބި ބިދޭސީ ކުޅުންތެރިންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން ބަދަލުކުރުމުގެ މަސައްކަތް މާޒިޔާއިން ކުރަމުން އަންނައިރު، އެ ކްލަބުން ވަނީ ކުރިން ހުރި ގޯލްކީޕަރުގެ ބަދަލުގައި ސީރިއާގެ މަހުމޫދު އަލް ޔޫސުފީ އަނެއްކާވެސް ޓީމަށް ގެނެސްފައެވެ.
އަލަށް ހަވާލުވި ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން މާޒިޔާއިން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ތައްޔާރުވަމުން އަންނައިރު، އޭނާއަކީ ބޮސްނިއާގެ ކޯޗެކެވެ. ޕާސިން ގޭމެއް ކުޅުވަން މަސައްކަތް ކުރާ ރިސްޓޯއަކީ މީގެ ކުރިން ފިލިޕީންސްގެ އިތުރުން އޭއެފްސީ ކަޕްގައިވެސް ކާމިޔާބުތަކެއް ހޯދާފައިވާ ތަޖުރިބާކާރު ކޯޗެކެވެ.
މާޒިޔާއާ މިއަދު ގުޅުނު ޕޯޒޯއަކީ ރެއާލް ބެޓިސްގެ 19 އަހަރުން ދަށުގެ ޓީމަށްވެސް ކުޅެފައިވާ ޑިފެންޑަރެކެވެ. އޭގެފަހުން ބެޓިސްގެ ޓީމު ސްޓްރަކްޗާ ތެރޭގައި އޭނާ އެ ކްލަބުގެ ބީ ޓީމަށްވެސް ކުޅެފައިވެއެވެ. އެއީ ސްޕެއިންގެ ދެވަނަ ޑިވިޝަންގައެވެ. ފުރަތަމަ ޑިވިޝަންގައި ނުކުޅުނު ނަމަވެސް ޕޯޒޯ ވަނީ ދެވަނަ ޑިވިޝަންގެ ޔޫޑީ ސަންސޭއާއި އެރީނާސް ކްލަބަށްވެސް ކުޅެފައެވެ. އޭގެ އިތުރުން އެންމެފަހުން ކުޅުނު އޭޑީ ސިއުޓާއާއެކު ޕޯޒޯ ވަނީ ސެޕެއިންގެ ކަޕް، ކޮޕަ ޑެލްރޭގައިވެސް ކުޅެފައެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑެއް އޮތް މާޒިޔާއަކީ އޭއެފްސީ ކަޕްގެ މި ރީޖަންގެ ޓީމުތަކަށް ބަލާއިރުވެސް އެންމެ ވަރުގަދަ އެއް ޓީމެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައިވެސް މާޒިޔާ ވާދަކޮށްފައިވާއިރު، އެޓީމުން ވަނީ ވަރުގަދަ ބެންގަލޫރު އެފްސީ ކަޓުވާލައި ގްރޫޕް ސްޓޭޖުގައިވެސް ކުޅެފައެވެ. އެ އަހަރުގެ މުބާރާތް ކޮވިޑް 19ގެ ސަބަބުން ކެންސަލް ކޮށްފައިވާއިރު، މިއަހަރު މާޒިޔާއިން ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ މެޗެއް ކުޅޭނީ ރާއްޖޭގައި ސެންޓްރަލައިޒް ކޮށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު