ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުން ބަންގްލަދޭޝް އަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ ދެ ދުވަހުގެ މި ދަތުރުފުޅަކީ ބަނގްލަދޭޝް އާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް އެ ގައުމަށް ވަޑައިގެންނެވި އެވެ. ވެރިރަށް ޑާކާގެ ހަޒްރަތް ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. އަބްދުލް ހާމިދާއި، އަނބިކަނބަލުން ރާޝިދާ ހާމިދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑާކާއަށް ވަޑައިގެންނެވުމުން، އެ މަނިކުފާނަށް ބަންގްލަދޭޝް ސަރުކާރުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު 21 ބަޑީގެ ސަލާމެއް ވެސް އެރުވިއެވެ. އޭގެ ފަހުން ރައީސް ސޯލިހުގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނާއެއް، އެ މަނިކުފާނު ބައްލަވައިލެއްވި އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ އިހުތިފާލުތަކުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި އެ ގައުމުގެ ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި އޭގެ އިތުރުން މި ބައްދަލުކުރެއްވުންތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއަކީ ޒަމާންވީ ގާތް ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ދެ ގައުމެވެ. ދެ ގައުމުގެ ދެމެދުގައި ދޭދޭ ގުޅުންތައް ރަސްމީކޮށް ގާއިމުކޮށްފައި ވަނީ 1978 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހު އެވެ.