ދަށު ކޯޓުން ސަލާމަތްވި، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 14 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނުވަ އަހަރުގެ ކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާ ކޮށްގެން 14 އަހަރުގެ ޖަލު ހުމެއް މިއަދު އިއްވީ، އދ. އަތޮޅުގެ ރަށެއްގެ މީހަކަށެވެ. އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފަ އެވެ.

އދ. އަތޮޅު މެޖިސްޓްރޭޓް ކޯޓުން ބަލައި އެމީހާގެ މައްޗަށް އެކުށް ސާބިތު ނުވާ ކަމަށް ހުކުމްް ކުރުމާ ގުޅިގެން އެ މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ދައުލަތުގެ ފަރާތުންނެވެ.

މި މައްސަަލަ ބަލައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، އެ މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުއްޖާ ތަހުގީގަށް ކިޔައިދީފައިވާ ކަންކަމުގެ އިތުރުން އެ ކުއްޖާގެ މައިންބަފައިންނަށް އެ ކުއްޖާ ކިޔައިދީފައިވާ ވާހަކަތައް ދިމާވާ ކަމަށެވެ. އެކަންތައްތަކަށް ބަލާއިރު، އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރެވޭ މިންވަރަށް ތަފުސީލުތައް އެ ކުއްޖާ ކިޔައިދީފައިވާ ކަމަށާއި އެ ކުއްޖާގެ ބުނުމަށް ބާރު ލިބޭ އިތުރު ހެކިވެސް ހުރި ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން މަޒީދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްތެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ.

އެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރެއްވި ހުކުމުގައި ވަނީ އެ މީހާ އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، އޭނާ 14 އަހަރަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.