އުތުރު ތިލަފަޅު އެއްބަސްވުމުގެ ސަބަބުން ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ބުރުލެއް އަރާނެ ކަމަށް ދިފާއީބާރުން ގަބޫލު ނުކުރާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ކޮށީގައި ގައުމީ ދިފާއީ ބާރުގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލު ވިދާޅުވީ، އުތުރުތިލަފަޅު އެއްބަސްވުމުގެ ސަބަބުން ފައިދާވެގެން ދާނީ ދިވެހި ގައުމާއި އެމްއެންޑީއެފަށް ކަމަށެވެ. އެގޮތުން އެ އެއްބަސްވުމާއެކު އުތުރުތިލަފަޅު ތަރައްގީ ވެގެން ދިއުމުން ރާއްޖޭގެ ކޯސްޓުގާޑު މިއިން ޒަމާނަކު ކުރިއަރައިގެން ނުދާ ވަރަށް ކުރިއަރައިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގައުމީ ދިފާއީ ބާރުގެ ލީޑާޝިޕުން ގަބޫލެއް ނުކުރޭ ފެބްރުއަރީ 21 ވަނަ ދުވަހު ސޮއިކުރި އެގްރީމެންޓުން ދިވެހިރާއްޖޭގެ މިނިވަންކަން ސިޔާދަތު ނުވަތަ އިސްތިގުލާލު ގެއްލިގެން ދާނެ ކަމަކަށް،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލު ވިދާޅުވީ، އުތުރުތިލަފަޅުގެ ފުރިހަމަ ކޮންޓްރޯލާއި ބާރު ދިވެހި ސަރުކާރަށް އޮންނާނެ ކަމަށެވެ. އަދި އެތަން ތަރައްގީ ކުރުމަށް އިންޑިއާއެކު އެއްބަސްވި ނަމަވެސް އެއްވެސް ބަދަލެއް ދިނުމަކާއި ނުލައި އެ އެއްބަސްވުން ބާތިލުކުރުމުގެ ފުރިހަމަ ބާރު ދިވެހި ދައުލަތަށް ލިބިގެންވާ ކަމަށާއި އެހެންކަމުން އެ އެއްބަސްވުމުގައި ދިވެހިން ކަންބޮޑުވާން ޖެހޭވަރުގެ އެއްވެސް ކަމެއް ހިމަނާފައިނުވާ ކަމަށް ވިދާޅުވި އެވެ.